ދ. މީދޫގައި އަލަށް ތަރައްޤީކުރި ވޮލީބޯޅަ ކޯޓް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މީދޫ ވޮލީބޯޅަ ކޯޓް ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތަށް އެކަމަނާ ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި އެ ވުޒާރާގެ އިސްވެރިންގެ އިތުރުން ރަށުގެ އެކި މުއައްސާތަކުގެ އިސް ބޭފުޅުންނެވެ.

Ad
rt

މި ރަސްމިއްޔާތުގެ ތެރެއިން، ވޮލީބޯޅަ ކޯޓް ހުޅުވުމުގެ ގޮތުން މީދޫގެ ޒުވާން އަންހެން ކުދިންގެ މެދުގައި ކުޅުނު އެކުވެރިކަމުގެ ވޮލީބޯޅަ މެޗެއް ބާއްވާފައިވެއެވެ. ފަސްޓްލޭޑީ މެޑަމް ސާޖިދާ ވަނީ މި މެޗު ބައްލަވާލައްވައި، ކުޅުންތެރިންނަށް ހިތްވަރު ދެއްވާފައެވެ.

މީދޫގައި މިފަދަ ފެންވަރު ރަނގަޅު ވޮލީބޯޅަ ކޯޓެއް ގާއިމުކުރުމަކީ އެ ރަށުގެ ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ލިބިގެންދިޔަ ހިތްހަމަޖެހުމެއްކަމަށް ބެލެވެއެވެ.