ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖަރމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް (ޑީ.ޖީ.އޭ.ޕީ) އަށް ޒިޔާރަތްކުރައްވައިފިއެވެ.
މި ޒިޔާރަތުގައި އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ އެ ކައުންސިލްގެ އިސްވެރިންނެވެ.
މި ޒިޔާރަތުގައި ރައީސް ވަނީ ޚާރިޖީ ސިޔާސަތުގައި ކަނޑުތައް އަދާކުރާ ދައުރާ ބެހޭގޮތުން ޚާއްޞަ ތަޤުރީރެއް ދެއްވާފައެވެ. އެމަނިކުފާނުގެ ތަޤުރީރުގައި، މޫސުމީ ތަންޒީމާއި ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ޤާއިމުކުރުމުގައި ކަނޑުތަކުގެ ދައުރު ބޮޑު ނަމަވެސް، ބައިނަލްއަޤުވާމީ އިސްތިރާޖީ ފިކުރުގައި އެކަށީގެންވާ މިންވަރަށް ކަނޑުތައް ތަމްސީލުކުރެވިފައި ނުވާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތާރީޚާއި އިޤްތިޞާދު ކަނޑާ ލާމެހިފައިވާ މިންވަރު ބަޔާންކޮށްދެއްވިއެވެ.
ރައީސް ވިދާޅުވީ، ދުނިޔޭގެ ވިޔަފާރީގެ މައި މަގުތައް ގުޅޭ ސަރަޙައްދެއްގައި ރާއްޖެ އޮތުމުން، ހިންދު ކަނޑަކީ 21 ވަނަ ޤަރުނުގެ އެންމެ މުހިންމު އެއް ސަރަޙައްދު ކަމަށެވެ. މީގެ އިތުރުން، ދުނިޔޭގެ މަޢުލޫމާތު ދައުރުކުރާ ކަނޑުގެ އަޑީގެ ޑިޖިޓަލް ބިނާރު ބެލެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިޤްޞާދަށާއި ދިވެހިންގެ ދިރިއުޅުމަށް ކޮށްފާނޭ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ކަނޑުތަކުގެ ރައްކާތެރިކަން އިތުރުކުރުމުގައި ކުދި ދައުލަތްތަކުން އަދާކުރާ ދައުރު އިތުރުވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ކަނޑުތަކުގެ މައްޗަށް ބިނާކުރެވޭ ޚާރިޖީ ސިޔާސަތަކީ ރާއްޖެއަށް ވުޖޫދީ ކަމެއް ކަމަށެވެ.
ތަޤުރީރު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކަނޑުތަކަކީ އެއްބާރުލުމާއި މަސްއޫލިއްޔަތު ހިއްސާކުރާ ތަނެއްކަން ކަށަވަރުކުރުމަށް ޖަރުމަނުވިލާތާއި އެހެނިހެން ބައިވެރިންނާއެކު މަސައްކަތްކުރަން ރާއްޖެ އޮތީ ތައްޔާރަށް ކަމަށެވެ. ތަޤުރީރަށްފަހު އެމަނިކުފާނު ވަނީ ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވައި، ކަނޑުތަކުގެ ސަލާމަތާ ގުޅޭ އިތުރު މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!