ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ކިޑްނެޕްކޮށް އެމެރިކާ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެ ގައުމުގެ ތެޔޮ އިސްރާއީލަށް އެކްސްޕޯޓް ކުރުމުގެ ހުއްދަ އަލުން ދީ، ގިނަ އަހަރުތަކަކަށްފަހު ފުރަތަމަ ފަހަރަށް އިސްރާއީލަށް ސާފުނުކުރާ ތެޔޮ (ކްރޫޑް އޮއިލް) ފޮނުވަން ފަށައިފިއެވެ.
ބްލޫމްބާގް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވެނެޒުއޭލާއިން ފޮނުވި މި ތެޔޮ ޝިޕްމަންޓް މިހާރު ދަތުރުކުރަމުންދަނީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ރަށް ހައިފާގައި ހުންނަ، އެ ގައުމުގެ އެންމެ ބޮޑު ތެޔޮ ސާފުކުރާ ކުންފުނި ކަމަށްވާ "ބަޒާން ގްރޫޕް" އަށެވެ. ތަފާސްހިސާބުތައް ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ "ކެޕްލާ" އިން ހާމަކުރި ގޮތުގައި، މިއީ 2020 ވަނަ އަހަރުގެ މެދުތެރޭގައި އިސްރާއީލުން ވެނެޒުއޭލާގެ 470,000 ފީފާ ތެޔޮ އެތެރެކުރި ފަހުން، އެ ގައުމުން އިސްރާއީލަށް ތެޔޮ ވިއްކާ ފުރަތަމަ ފަހަރެވެ.
މަދޫރޯ ކިޑްނެޕް ވެރިކަމުން ދުރު ގުޅިގެން، ވެނެޒުއޭލާގެ ތެޔޮ ސިނާއަތުން މިހާރު ދަނީ ތެޔޮ ގަންނާނެ އާ މާކެޓްތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން އެ ގައުމުގެ ތެޔޮ އެންމެ ގިނައިން އެކްސްޕޯޓް ކުރަމުންދިޔައީ ޗައިނާއަށް ނަމަވެސް، މިދިޔަ މަހުގެ ތެރޭގައި އިންޑިއާ، ސްޕެއިން އަދި އެމެރިކާގެ ކުންފުނިތަކަށް ވެސް ތެޔޮ ފޮނުވާފައިވާ ކަމަށް ބްލޫމްބާގުން ރިޕޯޓްކުރެއެވެ.
ނިކޮލަސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ސީލިއާ ފްލޮރޭސް ކިޑްނެޕްކޮށް ހައްޔަރުކުރީ މިދިޔަ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު، އެމެރިކާ ސިފައިން ވެނެޒުއޭލާގެ ވެރިރަށް ކަރަކަސްގައި ހިންގި އަސްކަރީ އޮޕަރޭޝަނެއްގައެވެ.
ޖެނުއަރީ 5 ވަނަ ދުވަހު އެމެރިކާގެ ފެޑެރަލް ކޯޓަކަށް ހާޒިރުކުރުމުން، މަސްތުވާތަކެތި އެތެރެކުރުމާއި، ހަތިޔާރު ގެންގުޅުމާއި އަދި "ނާކޯ-ޓެރަރިޒަމް" އާ ގުޅޭގޮތުން އުފުލާފައިވާ ދައުވާތަކަށް މަދޫރޯ ވަނީ އިންކާރުކޮށްފައެވެ.
މަދޫރޯގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބަޔާންކޮށްފައިވަނީ، އޭނާއާއި އޭނާގެ ބައިވެރިން އެތައް އަހަރެއް ވަންދެން ދުނިޔޭގެ ނުރައްކާތެރި މަސްތުވާތަކެތި ޓްރެފިކްކުރާ ފަރާތްތަކާ ގުޅިގެން، އެމެރިކާއަށް ގިނަ އަދަދެއްގެ ކޮކެއިން އެތެރެކުރުމުގައި އެހީތެރިވެފައިވާ ކަމަށެވެ. މި މައްސަލައިގައި މަދޫރޯގެ އަނބިކަނބަލުން ހިމެނޭހެން އިތުރު 15 މީހެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!