ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވަނީ ރައްޔިތުންނަށް ހަގީގީ ތަރައްގީ ހޯދައިދިނުމަށް ކަމަށް އެ މަގާމަށް ވާދަކުރާ އިބްރާހިމް ހަސަން (ކުޑަ އިއްބެ) ރޭ ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީގައި ޕީއެންސީގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި އިވެންޓްގައި ވާހަކަދައްކަވަމުން އިއްބެ ވިދާޅުވީ، އޭނާ އާއި ހަވާލުވެފައިވަނީ ބޮޑު އަމާނާތެއްކަމަށާއި، އެ އަމާނާތް އަމާން އައްސޭރިއަކަށް ވާސިލްކޮށްދިނުމަކީ އޭނާގެ އެންމެ މުހިންމު ވާޖިބު ކަމަށެވެ.

Ad
rt

''އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތިޔަ ބޭފުޅުން ހަވާލުކޮށްފައި ވަނީ ނުހަނު އަގުބޮޑު އަމާނާތެއް، މާތްﷲގެ ވާގިފުޅާއެކު އެ އަމާނާތް އަމާން އައްސޭރިއަކަށް ވާސިލްކޮށްދިނުމަކީ އަޅުގަނޑުގެ އެންމެ މުހިންމު ވާޖިބު'' އިއްބެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭނާ އެ މަގާމުގައި ހުއްޓި ހުންނެވީ ހަމައެކަނި ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓެއްގެ ހައިސިއްޔަތަކުންނޫން ކަމަށެވެ.

''އަޅުގަނޑު މިރޭ މިތަނަށް ހުއްޓި މިހިރީ ހަމައެކަނި ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓެއްގެ ހައިސިއްޔަތަކުންނޫން، ތިޔަ ބޭފުޅުންނާއި ކޮނޑާއި ކޮނޑުޖައްސައި ބައިވެރިވި ކުޑަ އިއްބެގެ ހައިސިއްޔަތުން'' އޭނާ ވިދާޅުވެފަވެއެވެ.

އޭނާ ވިދާޅުވީ ކެމްޕޭންގެ ތެރެއިން ވޭތުވި ދުވަސްކޮޅު އޭނާ އާއި ކުރިމަތިވި އެންމެ ބޮޑު ސުވާލަކީ ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލީ ކީއްވެގެންތޯ ކަމަށެވެ. އެ ސުވާލަށް އޭނާގެ ހަވާބު ވަރަށް ސާފުކަމަށް ވިދާޅުވެ އޭނާ ވިދާޅުވީ އޭނާ އެ މަގާމަށް ނުކުންނަވަނީ ރައްޔިތުންނަށް ހަގީގީ ތަރައްގީ ހޯދައިދިނުމަށްޓަކައި ކަމަށެވެ.

''މި ނުކުންނަނީ ރައްޔިތުންނަށް ހަގީގީ ތަރައްގީ ހޯދައިދިނުމަށްޓަކައި، ހަގީގީ ތަރައްގީއަކީ ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ، ހަގީގީ ތަރައްގީ އަކީ ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށްދިނުން، ހަގީގީ ތަރައްގީއަކީ އަމިއްލަ ރަށުގައި ތިބެ ވަޒީފާ އަދާކުރެވޭނެ ފުރުސަތުތައް ހޯދައިދިނުން، ހަގީގީ ތަރައްގީއަކީ ސިޓީގެ ތަނަވަސްކަމާއި، ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައިކޮށް އެ ވަސީލަތްތަކުގެ ފައިދާ އެންމެހާ ރައްޔިތުންނަށް ހަމަހަމައަށް ލިބުން'' އިއްބެ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ސިޓީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބުމާއި، ސިޓީގެ ހިތްކަމުގައިވާ ސިއްހީ ނިޒާމަށް އިތުރު ތަރައްގީ ގެނެސްދީ ބޮޑުތިލަދުންމަތީގެ 70 ހާހަށްވުރެ ގިނަ ރައްޔިތުންނަށް ލުއިފަސޭހަކަން ގެނެސްދިނުމަކީ އޭނާ އެ މަގާމަށް ކުރިމަތިލައްވާ ސަބަބުތައްގޮތުގައި އިއްބެ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ކުޅުދުއްފުށީ ސިޓީގެ އިގްތިސޯދީ ފުދުންތެރިކަން އިތުރުކުރުމަށް އެކަށީގެންވާ މިންވަރާއި ގާތަށް ވެސް މިދިޔަ ދުވަސްތަކުގައި މަސައްކަތްކުރެވިފައިނުވާކަމަށާއި، އެކަމާއި ހިތާމަ ކުރަށްވާ ކަމަށެވެ. އަދި ރާއްޖޭގެ ވިޔަފާރީގެ މައި މަރުކަޒަކަށް ކުޅުދުއްފުށި ސިޓީ ހެދުމަކީ އަމާޒެއްކަމަށް ވެސް އިއްބެ ވިދާޅުވިއެވެ.