ރާއްޖޭގެ މަސްވެރިކަމާއި މެރިކަލްޗަރގެ ސިނާއަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ "ފިޝަރީޒް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ" ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
މި ކޮމިޓީއަކީ އެ ސިނާއަތުގެ ކުރިމަގު ބައްޓަންކުރުމުގައި ސަރުކާރަށް ބޭނުންވާ މުހިންމު މަޝްވަރާތައް ދިނުމަށް އުފައްދާ ކޮމިޓީއެކެވެ.
ކޮމިޓީގައި ތަމްސީލުކުރާނެ ދާއިރާތަކާއި މެންބަރުންގެ އަދަދު
މި ކޮމިޓީ އެކުލެވިގެންވަނީ މަސްވެރިކަމުގެ ސިނާއަތުގެ އެކި ދާއިރާތައް ތަމްސީލުކުރާ މެންބަރުންގެ މައްޗަށެވެ. އެގޮތުން މަސްވެރިންގެ ފަރާތުން 2 މެންބަރުން، އޮޑިވެރިންގެ ފަރާތުން 2 މެންބަރުން، އަދި ކެޔޮޅުންގެ ފަރާތުން 2 މެންބަރުން އައްޔަންކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މަސްވެރިކަމާއި މެރިކަލްޗަރގެ ޢިލްމީ އަދި ފަންނީ 2 ތަޖުރިބާކާރުންނާއި، ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތައް ތަމްސީލުކުރާ 3 މެންބަރުން ހިމެނޭނެއެވެ.
ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތުތައް
މި ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ މަސްވެރިކަމާއި މެރިކަލްޗަރގެ ދާއިރާ ތަރައްޤީކޮށް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމެވެ. މީގެ ތެރޭގައި ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ސިނާއަތަށް ގެންނަންޖެހޭ ބަދަލުތަކާއި، އައު ޓެކްނޯލޮޖީ ތަޢާރުފުކުރުމާއި، އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓުމަށް ބޭނުންވާ ނިޒާމުތައް ގާއިމުކުރުމާ ގުޅޭގޮތުން ލަފާދިނުން ހިމެނެއެވެ.
މީގެ އިތުރުން، މަސްވެރިކަމުގެ ސިނާއަތަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ (ފިއުލް ސަޕްލައި، އައިސް ޕްލާންޓް، ޕްރޮސެސިންގ ފެސިލިޓީސް) ގާއިމުކުރުމާއި، އިންވެސްޓްމަންޓް ފުރުސަތުތައް ފަހިކުރުމުގެ އިތުރުން، މި ދާއިރާއިން މީހުން ބިނާކުރުމާ ގުޅޭގޮތުންވެސް މި ކޮމިޓީން ރައީސަށް މަޝްވަރާ އަރުވާނެއެވެ.
ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތައް
ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް ވާންޖެހެއެވެ. އަދި ތަމްސީލުކުރާ ދާއިރާއާ ގުޅޭ ފަންނީ ގާބިލުކަމާއި ތަޖުރިބާ ހުރުމާއެކު، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކަށް ވެގެންނުވާނެއެވެ.
މި ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 16 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ 12:00 އެވެ. ޝައުގުވެރިވާ ފަރާތްތަކުން އެ މުއްދަތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުމަށް ވަނީ އިޢުލާންކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!