ގަސްގަހާގެއްސަށް ޖެހޭ ތަފާތު ބަލިތައް ދެނެގަނެ، އެކަންކަމަށް ފަސޭހައިން ހައްލު ހޯދައިދިނުމުގެ މަޤުސަދުގައި ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ މަޢުލޫމާތު ދިނުމުގެ ސެޝަންތައް އިއްޔެ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް ގަސްގަހަށް ޖެހޭ ބަލިތައް ދެނެގަންނާނެ ގޮތްތައް ތަފްސީލީ ގޮތެއްގައި ދަސްކޮށްދެވިފައިވާކަމަށެވެ.
މީގެ އިތުރުން، ބަލިތައް ކޮންޓްރޯލް ކުރުމަށްޓަކައި ގޭގައި އާންމުކޮށް ގެންގުޅޭ ތަކެތި ބޭނުންކޮށްގެން ފަސޭހައިން ބޭސް ތައްޔާރުކުރާނެ ގޮތްތައް ވެސް ވަނީ ކިޔައިދީފައެވެ.
ޚާއްޞަ ގޮތެއްގައި، ގަސްތަކަށް އާންމުކޮށް ދިމާވާ ކަޅުކޫޑި އަދި ހުދުކޫޑި ފަދަ މައްސަލަތަކަށް ހައްލެއްގެ ގޮތުން، ލޮނުމެދު ބޭހާއި، ހިކި މިރުސް ބޭސް އަދި އިނގުރު ބޭސް އަމަލީގޮތުން ތައްޔާރުކޮށް ބޭނުންކުރާނެ ގޮތް މި ސެޝަންތަކުގައި ވަނީ ދަސްކޮށްދީފައިކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މި ސެޝަންތަކުގެ ބައިވެރިން ވަނީ އަމިއްލައަށް ބޭސް ތައްޔާރުކުރުމުގެ އަމަލީ ތަޖުރިބާ ހޯދާފައެވެ.
މި ސެޝަންތައް ނަންގަވައިދެއްވީ ހަނީމާދޫ އެގްރިކަލްޗަރ ސެންޓަރގެ އެގްރިކަލްޗަރ އޮފިސަރ މުޙައްމަދު ޤާސިމްއެވެ.
މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި، ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ މި ސެޝަންތައް ވަރަށް ފުރިހަމައަށް ކުރިއަށް ގެންގޮސްދެއްވި ކަމަށްޓަކައި މުޙައްމަދު ޤާސިމް އަށާއި ހަނީމާދޫ އެގްރިކަލްޗަރ ސެންޓަރަށް ވަނީ ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.
މި ޕްރޮގްރާމްގެ ސަބަބުން ކުޅުދުއްފުށީގައި ގަސް ހައްދާ ފަރާތްތަކަށް ބަލިތަކުން ގަސްތައް ސަލާމަތްކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި ހުނަރުތައް ލިބިގެންދިޔަކަން ޕްރޮގްރާމްގެ ކުޅުދުއްފުށީ ސިޓީ ކައުންސިލުޖް ވަނީ ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!