ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް މި ހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް ފޮނުވޭނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އާދަމް ޝަރީފް ރޭ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަތޮޅުތަކަށް މަސްދަޅު ކޭސް ފޮނުވުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

Ad
rt

"މި ހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް މަސްދަޅު ކޭސް ފޮނުވޭނެ،"

މިނިސްޓަރ ވިދާޅުވިއެވެ.

ރަށްރަށާއި ސިޓީތަކަށް މި ތަކެތި ފޮނުވުމުގެ މަސައްކަތް އެސްޓީއޯއިން ކުރަމުންދާއިރު، ރަށްރަށުގައި މަސްދަޅު ބެހުމުގެ އިންތިޒާމުތައް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލްތަކުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސްތައް މާލެ ސަރަޙައްދުގައި ބެހުމުގެ މަސައްކަތް ރޭ 8:30 ގައި ވަނީ ރަސްމީކޮށް ފަށާފައެވެ. މިނިސްޓަރ ވަނީ މަސްދަޅު ކޭސްތައް ބަހާ މަރުކަޒުތަކަށް ޒިޔާރަތްކުރައްވައި، އިންތިޒާމުތައް ހުރި ގޮތް ބައްލަވައިލައްވާފައެވެ. މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ޖުމުލަ 15 މަރުކަޒަކުން މަސްދަޅު ދޫކުރަމުންދާނެއެވެ. މީގެ ތެރޭގައި މާލޭގެ 8 މަރުކަޒަކާއި، ހުޅުމާލޭގެ 6 މަރުކަޒެއްގެ އިތުރުން ވިލިމާލޭގެ މަރުކަޒެއް ހިމެނެއެވެ.

ސަރުކާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މުޅި ރާއްޖޭގައި ޖުމުލަ 118,673 ގޭބިސީއަކަށް މަސްދަޅު ހަދިޔާކުރާނެއެވެ. މީގެ ތެރޭގައި އަތޮޅުތަކުގެ 56,918 ގޭބިސީއާއި، ގްރޭޓަރ މާލެ ސަރަޙައްދުގެ 61,755 ޑޮމެސްޓިކް މީޓަރު ހިމެނެއެވެ. މާލެ ސަރަޙައްދުގައި މަސްދަޅު ދޫކުރުން ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ.

މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް އަންނަ ފެބުރުވަރީ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ތަކެތި ބެލެހެއްޓުމާއި ދޫކުރުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ roadhahadhiya.mv ޕޯޓަލް މެދުވެރިކޮށް ނަންބަރު ނެގޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މަސްދަޅު ލިބުމުގައި އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ، ޓެލެގްރާމް ނަންބަރު 7741446 އަށް މެސެޖުކޮށްގެން ޝަކުވާ ހުށަހެޅޭނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.