ހއ. ދިއްދޫ ކައުންސިލްގެ މިހާރުގެ ރައީސް އަބުދުﷲ ރަޝީދު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރަށްވަފާނެކަމުގެ އަޑުތައް ފެތުރެމުން އެބަދެއެވެ.

އަބުދުﷲ ރަޝީދު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރަށްވަފާނެކަމުގެ އަޑުތައް ފެތުރެމުން އެކަން ސާފުކޮށްލަން ‘’ތިލަދުން’’ އިން ސުވާލުކުރުމުން އެއީ ތެދެއްކަމެއް ނުވަތަ ދޮގެއްކަމަކަށް ވެސް ވިދާޅެއްނުވެއެވެ.

Ad
rt

’’ތިކަމާ ނިންމާގޮތެއް ވަރަށް އަވަހަށް ޢިއުލާން ކޮށްލާނަން’’ ޢަބުދުﷲ ރަޝީދު ވިދާޅުވެފަވެއެވެ.

ޢަބުދުﷲ ރަޝީދަކީ އެންމެފަހުން އޮތް ލޯކަލް އިންތިޚާބުގައި އެއިރުގެ އިދިކޮޅު ޕާޓީ ޕީޕީއެމް/ޕީއެންސީ ޓިކެޓްގައި ދިއްދޫ ކައުންސިލްގެ ރައީސްކަމުގެ މަގާމު ކާމިޔާބުކުރެއްވި ބޭފުޅެކެވެ. އެއިރު ވެރިކަމުގައި އޮތް އެމްޑީޕީން އެ އިންތިޚާބުގައި ދިއްދޫ ކައުންސިލްގެ ފަސް ގޮނޑި ކާމިޔާބުކުރިއިރު، ޕީޕީއެމް/ޕީއެންސީން ދިއްދޫ ކައުންސިލް ރައީސްގެ ގޮނޑީގެ އިތުރުން މެމްބަރކަމުގެ ގޮނޑިއެއް ކާމިޔާބު ކުރިއެވެ. އެއީ މޫސާ ލަތީފް ކާމިޔާބުކުރި ގޮނޑިއެވެ.

ޢަބުދުﷲ ރަޝީދު އަމިއްލަ ގޮތުން އަންނަ ލޯކަލް އިންތިޚާބުގައި ވާދަކުރަށްވާނެކަމަށް މީސް މީޑިއާގައި އަޑުފެތުރިފައިވާއިރު، އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވަނީ އަމިއްލަ ގޮތުން ވާދަކުރެއްވުމަށް މިހާރު ފޯމު ވެސް ހުށަހަޅުއްވާފައެވެ.

އަންނަ ލޯކަލް އިންތިޚާބު އޮންނަނީ އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ.