ޖަޕާނުގެ އުތުރު-އިރުމަތީ ކަނޑުގެ ސަރަހައްދަށް ހޯމަ ދުވަހު 7.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައުމާއި ގުޅިގެން، އެ ސަރަހައްދުގެ ބައެއް ހިސާބުތަކަށް ސުނާމީގެ އިންޒާރު ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި އިންޒާރާ އެކު، ރައްކާތެރި ހިސާބުތަކަށް ދިޔުމަށް އެ ސަރަހައްދުތަކުގެ ރައްޔިތުންނަށް ވަނީ އަންގާފައެވެ.
ޖަޕާނުގެ މޫސުމާބެހޭ އެޖެންސީ ޖޭއެމްއޭ އިން ލަފާކުރާ ގޮތުގައި، އިވާޓޭ، އާއޮމޮރީ އަދި ހޮކައިޑޯގެ ބައެއް ހިސާބުތަކަށް 3 މީޓަރަށް (10 ފޫޓަށް) ވުރެ އުސް ސުނާމީއެއް އެރުން އެކަށީގެންވެއެވެ. މިހާރުވެސް އާއޮމޮރީ އަދި ހޮކައިޑޯ ސަރަހައްދުން 40 ސެންޓިމީޓަރު (16 އިންޗި) ގެ ސުނާމީ ރާޅެއް ފެނިފައިވާކަމަށް ޖޭއެމްއޭ އިން ހާމަކުރެއެވެ.
ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާރވޭ (ޔޫއެސްޖީއެސް) އިން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ބިންހެލުން އައިސްފައިވަނީ ޖަޕާނުގެ ގަޑިން ރޭގަނޑު 11:15 ގައި ކަނޑުގެ ތެރޭގައި ގާތްގަނޑަކަށް 70 ކިލޯމީޓަރު (44 މޭލު) ބޭރުންނެވެ. އަދި ބިންހެލުން އައިސްފައިވަނީ ގާތްގަނޑަކަށް 33 މޭލުގެ އަޑިންނެވެ.
ޖަޕާނުގެ ކެބިނެޓްގެ އިސް ސެކްރެޓަރީ، މިނޯރު ކިހާރާ، ވަނީ އަސަރުކުރި ހިސާބުތަކުގެ ރައްޔިތުންނަށް އުސް ހިސާބުތަކަށް ނުވަތަ ރައްކާތެރިކަމަށް ހަމަޖައްސާފައިވާ ތަންތަނަށް އަވަހަށް ދިޔުމަށް ތަކުރާރުކޮށް އިލްތިމާސް ކުރައްވާފައެވެ.
ޖަޕާނަކީ ދުނިޔޭގެ 'ރިންގް އޮފް ފަޔަރ' ސަރަހައްދުގައި އޮންނަ ގައުމެކެވެ. މިއީ ޕެސިފިކް ކަނޑުގެ ދެފަރާތުގައިވެސް ބިންހެލުމާއި އަލިފާން ފަރުބަދަތަކުގެ ހަރަކާތް ވަރަށް ގިނައިން ހުންނަ ސަރަހައްދެކެވެ. އެހެންކަމުން، ބާރުގަދަ ބިންހެލުންތައް އައުމަކީ ޖަޕާނަށް އާދަޔާ ހިލާފު ކަމެއް ނޫނެވެ. ޖަޕާނުގެ ތާރީޚުގައި މިހާތަނަށް އައި އެންމެ ބޮޑު ބިންހެލުމަކީ 2011 ވަނަ އަހަރު އައި 9.1 މެގްނިޓިއުޑްގެ ޓޯހޮކޫ ބިންހެލުމެވެ. އެ ބިންހެލުމާ ގުޅިގެން ބޮޑު ސުނާމީއަކާއި ނިއުކްލިއަރ ކާރިސާއެއް ވަނީ ހިނގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!