މުޅި ރާއްޖެއަށް ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފިއެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ވަނީ މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް އާންމުގޮތެއްގައި ވައިބާރުވެ، ވިއްސާރަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.
މެޓް އޮފީހުން ވަނީ މި ތިންދުވަހު އެކި ހިސާބުތަކަށް ގުގުރައި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ވައިބާރުވެ، ވިލާގަނޑުގައި އިތުރަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވެ، ވިލާ ގަނޑުގައި އިތުރަށް ގަދަވާނެކަމަށް ލަފާކޮށްފައެވެ.
އެހެންވެ، ދަތުރުކުރާ ހުރިހާ ފަރާތްތަކުން ވެސް މޫސުމާބެހޭ މައުލޫމާތު އަދާހަމަކުރުމަށް މެޓުން ވަނީ ނަސޭހަތްތެރިވެފައެވެ.
މިއާއެކު އެމްއެންޑީއެފުން ވަނީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. މިގޮތުން އެމްއެންޑީއެފުން ވަނީ ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ. ޚާއްޞަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް އިލްތިމާސްކޮށްފައިވާއިރު، އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ އިތުރަށް ބަރު ނުކުރުމަށާއި، ދޯނިފަހަރުގައި ލައިސަން ބެހެއްޓުމަށް ވެސް ވަނީ ހަނދާންކޮށްދީފައެވެ.
މޫސުމަށް ސަމާލުކަން ދިނުމަށް އެދިފައިވާ ފަރާތްތަކުގެ ތެރޭގައި ޑައިވިންގ އަދި ވޯޓަރ ސްޕޯރޓްސް އިންތިޒާމުކުރާ ފަރާތްތައް ވެސް ހިމެނެއެވެ.
އެންމެ މުހިންމު އެއް އިލްތިމާސަކީ، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު (އެލާޓް) ނެރެފައިވަނިކޮށް ކަނޑު ދަތުރު ނުކުރުމަށެވެ. ސަލާމަތީ ކަންކަމަށް އިސްކަންދީ، މޫސުމުގެ ޙާލަތު ބެލުމަށްފަހު ދަތުރުތައް ރޭވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!