އަތޮޅުތެރޭގެ ޓީމުތައް ދިވެހި ޕްރިމިއާ ލީގުން ޖާގަ ދިނުމުގެ ފުރަތަމަ މަރުހަލާގައި ކުޅޭ ބީއޭއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހއ. އަތޮޅުގެ މުބާރާތުގެ ޗެމްޕިއަންކަން ދިއްދޫ ހޯދައިފިއެވެ.
މި މުބާރާތުގެ ހއ. އަތޮޅުން ބައިވެރިވީ އެ އަތޮޅުގެ ވެރިރަށް ދިއްދޫ އާއި އިހަވަންދޫ އެވެ. އެހެންވެ މި މުބާރާތުގެ ޗެމްޕިއަންޓީމު ކަނޑައެޅީ ދެ މެޗު ކުޅެގެންނެވެ.
މިގޮތުން ފުރަތަމަ މެޗު ކުޅެފައި ވަނީ 9 އޮކްޓޯބަރު 2025 ގައި އިހަވަންދޫގައެވެ. އެ މެޗު ދިއްދޫ ކާމިޔާބުކުރީ 1-3 އިންނެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމު ކަނޑައެޅި މެޗު މިއަދު ކުޅުނީ ދިއްދޫގައެވެ. މި މެޗުގައި ދިއްދޫ ވަނީ އިހަވަންދޫ ކޮޅަށް 6 ލަނޑުޖަހައި މުބާރާތުގެ ތަށި ހޯދާފައެވެ.
މި މެޗުގައި ދިއްދޫގެ ފުރަތަމަ ލަނޑު ޖަހައިދީފައި ވަނީ މެޗުގެ 27 ވަަނަ މިޓްގައި މުހައްމަދު ނައުސާދު (ނައުއްޓި) އެވެ. ދިއްދޫގެ އަނެއް ފަސް ލަނޑުތެރެއިން ހަތަރު ލަނޑު އެ ޓީމަށް ޖަހައިދީފައި ވަނީ ތަހުއުމީން ނޫހު (ތައްޑެ) އެވެ. ތައްޑެ މި ލަނޑުތައް އެ ޓީމަށް ޖަހައިދީފައި ވަނީ މެޗުގެ 69 މިނިޓް، 71 ވަނަ މިނިޓް، 88 ވަނަ މިނިޓް އަދި 90 ވަނަ މިނިޓްގައެވެ. ދިއްދޫ އަށް އަނެއް ލަނޑު ޖަހައިދިނީ 74 ވަނަ މިނިޓްގައި ހުސެން ޒިމިޔާން (ޖަޑާ) އެވެ.
އުތުރުގެ ޒޯން އެކެއްގައި ހިމެނޭނީ ހއ. އާއި ހދ. އަދި ށ އަތޮޅުގެ ޗެމްޕިއަން ޓީމާއި ރަނަރަފް ޓީމެވެ. އެހެންކަމުން އުތުރުގެ ސަރަހައްދީ ޒޯންތަކުގެ ތެރެއިން ޒޯން އެކެއްގެ މުބާރާތުގައި ކުޅޭނީ ހދ.އަތޮޅުގެ ޗެމްޕިއަން ކުޅުދުއްފުއްޓާއި، ރަނަރަޕް ހަނިމާދޫ އާއި،ހއ.އަތޮޅުގެ ޗެމްޕިއަން ދިއްދޫ އަދި ނަރަރަޕް އިހަވަންދޫއެވެ.
މި މުބާރާތުގައި ށ.އަތޮޅުން ޓީމެއް ބައިވެރިވެފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!