އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް-އުން، އިނގިރޭސި ޕްރިމިއާ ލީގުގެ ފުޓްބޯޅަ މެޗުތައް އެގައުމުގެ ރައްޔިތުންނަށް ދެއްކުމަށް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ނަމަވެސް، މި މެޗުތައް އެގައުމުގައި ދައްކާނީ ވަރަށް ހަރުކަށި އަދި ބޮޑެތި ސެންސަރުތަކަކަށް ފަހުގައެވެ. "ދަ ގާޑިއަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކިމް ޖޮންގް-އުން މިކަމަށް އެއްބަސްވީ ވަކި ހާއްސަ ޝަރުތުތަކެއްގެ މަތިންނެވެ.

Ad
rt

މި ޝަރުތުތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، މެޗުތައް ލައިވްކޮށް ނުދެއްކުމެވެ. މެޗުތައް ޓީވީން ދެއްކުމުގެ ކުރިން ފުރިހަމައަށް އެޑިޓްކުރާނެއެވެ. އަދި 90 މިނެޓުގެ މެޗުތައް ކުރުކޮށް، އެންމެ 60 މިނެޓަށް ކަނޑައަޅާފައިވާނެއެވެ. މީގެ އިތުރުން މެޗުތައް ދައްކާއިރު ސްޓޭޑިއަމްގައި ފެންނަން ހުންނަ ހުރިހާ އިނގިރޭސި ލިޔުންތަކެއް، އުތުރު ކޮރެއާގެ ގްރެފިކްސް ބޭނުންކޮށްގެން ފޮރުވާލާނެއެވެ.

އުތުރު ކޮރެއާގެ ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދީފައިވާ އެއް ޝަރުތަކީ، ދެކުނު ކޮރެއާގެ ކުޅުންތެރިން ފެންނަ ހުރިހާ މަންޒަރެއް އެޑިޓްކޮށް ނެގުމެވެ. މިހާރު ޕްރިމިއާ ލީގުގައި ކުޅެމުންދާ ދެކުނު ކޮރެއާގެ ކުޅުންތެރިން ކަމަށްވާ ބްރެންޓްފޯޑްގެ ކިމް ޖީ-ސޫ އާއި ވުލްވްސްގެ ހުއަންގް ހީ-ޗާން ފަދަ ކުޅުންތެރިންގެ ފުޓޭޖުތައް މުޅިން ފޮހެލަން ޖެހޭނެ އެވެ.

އަދި އިޖުތިމާޢީ ގޮތުން ސެންސަރުކުރަންޖެހޭ މައްސަލަތައް ހިމެނޭ މަންޒަރުތައް ވެސް ފޮހެލަންޖެހޭނެ އެވެ. އެގޮތުން، އެލްޖީބީޓީކިއު+ (LGBTQ+) އާއި ގުޅުންހުރި ނިޝާންތަކާއި ސިމްބަލްތައް ފެންނަ ހުރިހާ މަންޒަރެއް މެޗުގެ ބްރޯޑްކާސްޓުން އެޑިޓްކުރަން ޖެހެއެވެ.

އުތުރު ކޮރެއާ އަކީ ބޭރުގެ މީޑިއާ އަދި މަޢުލޫމާތުތައް އެގައުމުގެ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ވަރަށް ހަރުކަށި ސިޔާސަތެއް ގެންގުޅޭ ގައުމެކެވެ. ޕްރިމިއާ ލީގު ފަދަ ބޮޑު މުބާރާތެއް ދެއްކުމަށް އެއްބަސްވުމަކީ ބޮޑު ކާމިޔާބީއެއް ނަމަވެސް، މި ޝަރުތުތަކުން ދައްކުވައިދެނީ އެގައުމުގެ ސަރުކާރުން މީޑިއާގެ މައްޗަށް ނުފޫޒު ހިންގާ މިންވަރެވެ.