އެމަނިކުފާނުގެ ސަރުކާރާ ޙަވާލުވިއިރު ރާއްޖޭގެ އިޤްތިޞާދު އޮތީ ފުން އަނދަވަޅެއްގައި ކަމަށާއި، ޑިފޯލްޓް ކުރުމަށް ޑިޒައިން ކޮށްފައިވާ ހާލަތެއްގައި ކަމަށާއި، ނަމަވެސް ސަރުކާރުގެ ތެރެއިންނާއި ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކު ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އިޤްތިޞާދު މިހާރު ކޮޅަށް ޖެހިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މި މޭރުމުން ވާހަކަފުޅު ދެއްކެވ، އަމިއްލަ ކުންފުނިތަކާ ޙަވާލުކޮށްގެން ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް މިއަދު ސޮއިކުރެވުނު ތާރީޚީ ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު މިވަނީ މިހާރު ވަރަށް ރަނގަޅު މިސްރާބަކަށް ގެންދެވިފައި ކަމަށެވެ. އަދި ސަރުކާރާ ޙަވާލުވިއިރު ފުން އަނދަވަޅަކަށް ވަށްޓާލާފައިވާ، ޑިފޯލްޓް ކުރުމަށް ޑިޒައިންކޮށްފައި އޮތް އިޤްތިޞާދެއް ނަގައި މިހާރު ވަނީ ކޮޅަށް ޖެހިފައިކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި އެކަން ހާސިލް ވެފައި ވަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކު، ސަރުކާރުގެ ތެރެއިން އެންމެން ގުޅިގެން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. މިހާލަތަށް އިޤްތިޞާދު ގެނެވުމުގައި ޕްރައިވެޓް ސެކްޓަރގެ އިތުބާރު އަލުން ހޯދިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދުގެ ޖަލްސާގައި 206 މަޝްރޫޢަށް ސޮއިކުރެވިފައިވާއިރު، އިއްޔެއާއި އޭގެ ކުރީދުވަހު ސޮއިކުރެވުނު މަޝްރޫޢުތަކާއެކު ޖުމްލަ 216 މަޝްރޫޢު ވަނީ ޙަވާލުކުރެވިފައެވެ. މިގޮތުން، ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 123 ރަށުގައި މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް މި ތިން ދުވަހު ވަނީ ހަވާލުކުރެވިފައެވެ. ރައީސް ވިދާޅުވީ، އެއްފަހަރާ، އެއް ދުވަހެއްގައި، އަދި ހަމައެކަނި ދިވެހި ޕްރައިވެޓް ސެކްޓަރ ކުންފުނިތަކާ މަސައްކަތް ޙަވާލުކުރެވި މިހާ ގިނަ މަޝްރޫޢުތަކެއް ފެށޭ ދުވަހަކީ މިއީ ކަމަށެވެ.
ޖުމްލަ 53 ތަފާތު ކުންފުންޏަކާ މަސައްކަތްތައް ޙަވާލުކުރެވިފައިވާ މި މަޝްރޫޢުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާވެ، އިޤްތިޞާދަށް ދިރުން ލިބި، ޚާއްޞަކޮށް ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކުރިއަރައިގެންދާނެ ކަމަށް ރައީސް ޔަޤީންކުރައްވައެވެ.
މީގެ އިތުރުން ރައީސް ވަނީ މި މަޝްރޫޢުތަކުގައި ފައިސާ ލިބުމުގައި އެއްވެސް ތާށިކަމެއް ނުވަތަ ޕޭމެންޓްގެ ދަތިކަމެއް ކުރިމައްޗެއް ނުވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އާންމުކޮށް ސަރުކާރުގެ ތެރެއިން ފައިސާ ދޫކުރުމުގައި ދިމާވާ ލަސްވުންތައް މި މަޝްރޫޢުތަކަށް ދިމާނުވާނެ ކަމަށާއި، ކުންފުނިތަކުން އެގްރީމަންޓްގައިވާ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށާއި، ޕޭމެންޓަށް ހުށަހެޅުމުން ބަރާބަރަށް ފައިސާ ލިބި، ވަރަށް ހަލުވި ދުވެލީގައި މަސައްކަތްތައް ނިންމާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ކޮންމެ ކުންފުންޏަކަށްވެސް، ޙަވާލުވީ މަސައްކަތް ކުރިއަށް ގެންދިޔުމުގައި ކޮށްދޭންޖެހޭ ހުރިހާ މަސައްކަތްތަކެއް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއަކުން ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
މި މަޝްރޫޢުތަކުގެ މަސައްކަތްތައް ދާދި އަވަހަށް ފެށިގެން ދާނެ ކަމަށް ވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!