ރާއްޖޭގައި ކޮލެޖުތަކަށް ޔުނިވަރސިޓީއެއްގެ ދަރަޖަ ލިބުމަށް ހިނގާ މުއްދަތު ކުރުކޮށް، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާޢުއެވެ

Ad
rt

މި ބިލު މިއަދު ފާސްކޮށްފައިވާއިރު، ކުރިން ޔުނިވަސިޓީއަކަށް ބަދަލުވެވޭނެކަމަށް އޮތް 20 އަހަރުގެ މުއްދަތު މިހާރު ވަނީ 15 އަހަރަށް ދަށްކޮށްފައެވެ. މަޖިލީހުން މި ބިލް ފާސްކުރީ ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ އިއްތިފާގުންނެވެ.

މި އިސްލާހުގެ ދަށުން، ކޮލެޖެއް ޔުނިވަސިޓީއަކަށް ބަދަލުވުމުގެ ޝަރުތުތަކުގެ ތެރޭގައި، ބޭރުގެ ޤައުމެއްގެ ސަރުކާރުން ޤަބޫލުކުރާ ޔުނިވަސިޓީއެއްގެ ގޮތުގައި 10 އަހަރު ހިންގާފައިވާނަމަވެސް، ރާއްޖޭގައި ޔުނިވަސިޓީއެއްގެ ޝަރުތު ފުރިހަމަވާނެކަމަށް ވަނީ ކަނޑައަޅާފައެވެ.

ކޮލެޖް ހިންގި މުއްދަތުގެ ޝަރުތު ދަށްކުރި ނަމަވެސް، ޔުނިވަސިޓީއަކަށް ބަދަލުވުމަށް ފުރިހަމަވާންޖެހޭ އެހެން ގިނަ ކަންތައްތަކެއްވެސް މި އިސްލާހުގައި ކަނޑައަޅާފައިވެއެވެ. އެގޮތުން، ގައުމީ ސަނަދުތަކުގެ ލެވެލް 7 އަދި 9 ގެ ކޯސްތައް މަދުވެގެން ތިން ދާއިރާއަކުން ހިންގުން ނުވަތަ ބޭރުގެ ޔުނިވަސިޓީއެއްގެ ކޯސްތައް ހިންގުމަކީ ޝަރުތެކެވެ. އަދި، ލެވެލް 7 އިން ފެށިގެން މަތީގެ ކޯސްތަކުގައި މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުންދާންޖެހެއެވެ.

މީގެ އިތުރުން، ބައިނަލްއަޤުވާމީ ފެންވަރުގެ މިންގަނޑުތަކަށް ފެތުމަށްޓަކައި، ބައިނަލްއަޤުވާމީ ޔުނިވަސިޓީތައް ބައިވެރިވާ ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައި ނުވަތަ ކޮލިޓީ އެޝުއަރެންސް ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ހޭދަކޮށްފައިވުން ލާޒިމްކުރެއެވެ.

އެކަޑަމިކް މުވައްޒަފުންގެ ތެރެއިން 10 ޕަސެންޓަކީ ޕީއެޗްޑީ ހާސިލްކޮށްފައިވާ މުވައްޒަފުންނަށް ވުމާއި، ބައިނަލްއަޤުވާމީ ފެންވަރުގެ ރިސާޗްތައް ބޭރުގެ ޔުނިވަސިޓީތަކާއި ޖަމާއަތްތަކާއެކު ހިންގުމުގެ ތަޖުރިބާ ލިބިފައިވުމަކީވެސް ޔުނިވަސިޓީއަކަށް ވުމަށް ހަމަޖެހިފައިވާ މުހިންމު ޝަރުތުތަކެކެވެ.

މި ބިލް ގާނޫނަކަށް ވުމާއެކު، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާ ޔުނިވަސިޓީތަކުގެ މިންގަނޑަށް ފެތޭ ތަނަކަށް ވުމަކީވެސް ޝަރުތެކެވެ.

މި ގާނޫނު ތަންފީޒުކުރުމަށްޓަކައި، ގާނޫނަކަށް ވާތާ ގިނަވެގެން ދެ މަސް ދުވަހުގެ ތެރޭގައި އެކަމާ ގުޅޭ ގަވާއިދުތައް ހަދަންޖެހޭނެކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މިދިޔަ 19 ވަނަ މަޖިލީހުގައި ވެސް މިފަދަ ބިލެއް ހުށަހެޅިއެވެ. ކޮލެޖެއްގެ ގޮތުގައި، މެދުނުކެނޑި ހިންގާތާ 10 އަހަރު ވެފައިވާ ތަންތަން ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ގޮތަށް،މަތީ ތައުލީމުގެ ގާނޫނަށް އިސްލާހު ގެންނަން އެފަހަރު ހުށަހެޅީ އިހަވަންދޫ ދާއިރާގެ މަޖިިސް މެމްބަރު މުހައްމަދު ޝިފާއު އެވެ. ނަމަވެސް އެ ބިލުގެ މަސައްކަތެއް ނުހިނގައެވެ.

މި އިސްލާހާއެކު ރާއްޖޭގައި ހިންގާ އަމިއްލަ ކޮލެޖެއްކަމަށްވާ ވިލާ ކޮލަޖަށް ޔުނިވާސިޓީއެއްގެ ދަރަޖަ ހޯދުމަށް މަގު ފަހިވެގެންދާނެއެވެ. އެ ކޮލެޖަކީ މި ބިލުގައި ބުނާ ޝަރުތުތަކަށް ފެތޭ ކޮލެޖެެވެ. މިއީ އެ ކޮލެޖުގެ އުމުރުން 19 ވަނަ އަހަރެވެ.