ށ. ކަނޑިތީމު ފުޓްބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭނެހެން ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ހޯމަ ދުވަހު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ކަނޑިތީމަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކަނޑިތީމަށް މިހާރު ތަރައްގީ ގެނައުމަށްޓަކައި، ކުޅިވަރުގެ ދާއިރާއިން ދަނޑަށް އިތުރު ކުރިއެރުން ގެނެސްދިނުމަކީ ސަރުކާރުން އިސްކަމެއްދެއްވާ ކަމެއް ކަމަށާއި، މިވަގުތު ކަނޑިތީމު ފުޓްބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭނެ ނިޒާމެއް ނެތް ކަމަށެވެ.
''ފުޓްބޯޅަ ދަނޑުގައި އަދި ރޭގަނޑު ކުޅެވޭނެ ނިޒާމެއް ނެތް. އަޅުގަނޑުމެން މިހާރު ހުރިހާ ދަނޑުތަކެއްވެސް ހަދަނީ ވަށާފާރު ރާނައި، ފެންސު ޖަހައި، ލައިޓް ހަރުކޮށް، ޗޭންޖިންގ ރޫމް ހަދާފައި. މިކަހަލަ ހުރިހާ ކަމެއްވެސް އެބަ ކުރަން. އެހެންވީމާ، މި ރަށުގެ ފުޓްބޯޅަ ދަނޑަށް މި ތަރައްޤީ އަދި ނާދޭ. އަޅުގަނޑުމެން ނިންމާފައި މިއޮތީ، މި އަންނަ އަހަރު އަޅުގަނޑުމެންގެ ބަޖެޓުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫޢެއްގެ ގޮތުގައި، މި ރަށުގެ ދަނޑު ތަރައްޤީކޮށްދިނުމަށްޓަކައި، މި ދެންނެވި ހުރިހާ ކަމެއް ހިމެނޭހެން، ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ފުރިހަމަކޮށްދިނުމުގެ މަޝްރޫޢެއް ކުރިއަށް ގެންދަން. އިރާދަކުރެއްވިއްޔާ އެގޮތުގައި އެކަން ކުރިއަށްދާނެ.'' ރައީސް ވިދާޅުވެފަވެއެވެ.
މީގެ އިތުރުން ރައީސް ވަނީ ކަނޑިތީމުގައި ކުރިއަށްގެންދާނެ އެހެން ތަރައްގީގެ މަޝްރޫޢުތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން، އަލަށް އާބާދުވި ސަރަޙައްދަށް ކަރަންޓުލުމާއި، ފެނަކައިގެ ޕަވަރ އަޕްގްރޭޑިންގ، ޔުޓިލިޓީ ފުޅާކުރުން، ކޭބަލް އެޅުން އަދި ޕަވަރހައުސް ރީލޮކޭޓް ކުރުން ފަދަ ކަންކަންވެސް ހިމެނޭ ކަމަށާއި، މި ހުރިހާ ކަންކަމަކީ ވަޢުދުވެފައިވާ ކަންކަން ކަމަށާއި، މިހާރު އެކަންކަން ހައްލުކުރުމަށް ފެނަކައަށް ބޭނުންވާ ފަސޭހަތައް ހަމަޖެހެމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވެފައިވާ ވަޢުދުތަކާއި ރައްޔިތުންގެ އުންމީދުތައް ޙާސިލުވާނެ ގޮތަށް، މި ހުރިހާ ކަމެއްވެސް ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމަށް ރައީސް ވަނީ ކަނޑިތީމުގެ ރައްޔިތުންނަށް ޔަގީންކަން ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!