މި އަހަރު ނިމުމުގެ ކުރިން މާލޭގައި 3،000 ހައުސިން ޔުނިޓްގެ މަޝްރޫޢުއެއް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މި ކަން އިޢުލާނު ކުރެއްވީ ރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި މި ޖަލްސާގައި ރައީސް ވިދާޅުވެފައިވަނީ އިންޑިއާގެ ލޯނު އެހީގައި މާލެ ސަރަޙައްދުގައި އިތުރު 4،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތްވެސް ފައްޓަވާނެ ކަމަށެވެ.

"ބޯހިޔާވަހިކަމުގެ ދާއިރާއަށް ބެލިނަމަވެސް މި ގެންދަނީ އަޅުގަނޑު ވަޢުދުވި ގޮތަށް ކަންތައް ފުއްދަމުން. ދާދި އަވަހަށް ހަމަ މި އަހަރުތެރޭގައި މާލޭގައި އެންމެ މަދުވެގެން 3،000 ހައުސިން ޔުނިޓުގެ މަޝްރޫޢުއެއް މާލެ ސިޓީގައި މި އަހަރު ނިމުމުގެ ކުރިން އަޅުގަނޑު ފަށާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން ރައްޔިތުންނަށް ލިބިފައިހުރި ގޯތިތަކާއި ފްލެޓްތަކަށް އެއްވެސް ބަދަލެއް ގެނައުމެއްނެތި ދެމުންދާކަން ފާހަގަކުރައްވައި، ބޯހިޔާވަހިކަމުގެ ދާއިރާއިން އަލަށް ފެށޭ މަޝްރޫޢުތަކުން މާލެއާއި އަތޮޅުތަކުގެ ރަށްރަށުގައި ހުރި އެފަދަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، އެހެނިހެން ދާއިރާތަކުންވެސް ވެވަޑައިގެންނެވި ވަޢުދުތައް، ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކާއި އަދި ރައްޔިތުންނާ ގުޅިގެން ފުއްދަވާނެކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ވަނީ ތަކުރާރުކުރައްވާފައެވެ.