ދިވެހިރާއްޖެ އިސްލާމްވި ހާދިސާ އަސްލަކަށް ބަލައިގެން، ކުޑަކުދީންނަށް އަމާޒުކޮށް ލިޔެފައިވާ ވާހަކައެއް އެކުވެރި އަރަބި އިމާރާތް، ޔުނެއިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ޝާރިޖާގައި ޝާއިޢުކޮށްގެން ނެރެފިއެވެ.

މި ވާހަކަ ނެރެފައިވަނީ ޝާރުޖާގައި މި މަހުގެ 22 އިން 26 އަށް ބޭއްވުނު ޝާރުޖާ ނެރޭޓަރސް ފޯރަމް 2025 ގައެވެ.

Ad
rt

ޝާރުޖާގެ ހެރިޓޭޖު އިންސްޓިޓިއުޓުން ނެރުނު "މަލްދީފިއްޔަން ޖަޒީރަތުއްނޫރު" މި ނަމުގައި އަރަބި ބަހުން ލިޔެފައިވާ މި ވާހަކައިގެ މުސައްނިފަކީ ނޫރާ ޚައްޔާލެވެ.

އޭނާ ވަނީ މި ވާހަކައިގެ ކޮޕީއެއް ދިވެހިރާއްޖޭގެ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމަށް ހަދިޔާކޮށްފައެވެ. އަދި ދިވެހިރާއްޖެ އިސްލާމްވި ދުވަހާއި އޭނާގެ އުފަން ދުވަހަކީ އެއް ދުވަހެއްކަން އޭނާ ފާހަގަކުރިކަން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

"މި ފޮތް ނެރެ ދިވެހި ރާއްޖޭގެ ވަޒީރަށް ވެދުމަށް މި އެރުވެނީ މި އަހަރުގެ ރާއްޖެ އިސްލާމްވީ ދުވަހުގައި ކަމަށްވާތީ، އެ އިއްތިފާޤަށް ޓަކައި ވަރަށް އުފާކުރަން،" ނޫރާ ބުނެފަވެއެވެ.

މި މުނާސަބަތުގައި ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ ދިވެހިރާއްޖެއާ ބެހޭ މިފަދަ މުހިންމު ވާހަކައެއް ލިޔުއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެ ރަމްޒުކޮށްދޭ ބައެއް ހަނދާނީ ހަދިޔާ ލިޔުންތެރިޔާއަށް އަރުވާފައިވެއެވެ.

ޔޫ.އޭ.އީގެ ޒުވާން ލިޔުންތެރިޔާ ނޫރާގެ މި ވާހަކައިގެ އިނގިރޭސި ތަރުޖަމާއެއް ވެސް މިހާރު ވަނީ ނެރެފައެވެ. ނޫރާއަކީ ޔޫއޭއީގެ ޝާރުޖާގެ ލިޔުންތެރިއެކެވެ.