ދިވެހިންގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ މިހާތަނަށް 82 ރަށެއްގައި އޭޓީއެމް ހުޅުވައިފިކަމަށް އެބޭންކުން ބުނެފިއެވެ.
މި ރަށްތަކުގައި ބެހެއްޓުނު އޭޓީއެމްތައް މެދުވެރިކޮށް މިހާތަނަށް 122،000 މުއާމަލާތް ކުރެވި، 313 މިލިއަން ރުފިޔާ ދައުރުވެފައިވާ ކަމަށް އެ ބޭންކުން މައުލޫމާތު ދީފައިވެއެވެ.
ބީއެމްއެލްއިން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، މި އޭޓީއެމްތައް މެދުވެރިކޮށް ޖަމާކުރެވުނު ފައިސާގެ ޖުމުލަ އަދަދަކީ 145 މިލިއަން ރުފިޔާއެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދިޔުމުގެ ހެއްކެކެވެ.
ބީއެމްއެލްގެ އޭޓީއެމް ވިއުގައިން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް މާލޭ ސިޓީ ނުވަތަ ގްރޭޓަރ މާލެ ސަރަހައްދުގައި 14،000 މުއާމަލާތް ކުރެވޭ ކަމަށާއި، މި މުއާމަލާތްތަކުން 78 މިލިއަން ރުފިޔާ ދައުރުވާ ކަމަށް ބޭންކުން ފާހަގަކޮށްފައިވެއެވެ. އަދި އަތޮޅުތަކުގައި ދުވާލަކު އެވްރެޖްކޮށް 9،000 މުއާމަލާތުން 25 މިލިއަން ރުފިޔާ ދައުރުވާ ކަމަށްވެސް ބޭންކުން ބުނެފައިވެއެވެ.
ސަރުކާރާއި ބީއެމްއެލް ގުޅިގެން "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" ގެ ނަމުގައި ހިންގަމުންދާ މަޝްރޫއުގެ ދަށުން، ރާއްޖޭގެ ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން ދާކަން ފާހަގަކުރެވެއެވެ. މިއީ ރާއްޖޭގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެ މުހިންމު ފިޔަވަޅެކެވެ.
މީގެ އިތުރުން ރާއްޖޭގެ 40 ރަށެއްގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިފަހުން ކުރެއްވި ދަތުރުފުޅުގައި، މުލަކަތޮޅު މުލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ހަތް އާރބަން ސެންޓަރުގެ ތެރެއިން މިހާރު ޑޮލަރު އޭޓީއެމް ނެތް ސަރަހައްދުތަކާއި، ޑޮލަރު އޭޓީއެމް ނެތް ސިޓީތަކުގެ އިތުރުން ރާއްޖޭގައި ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށްތައް ތަރުތީބުން ހިމަނައިގެން، މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބީއެމްއެލްއަށް ވަނީ އަންގަވާފަވެއެވެ. މި މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!