ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ސަރުކާރުން ދޭން ނިންމި ލޯނު ސްކީމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިއަދު ހުޅުވާލައިފި އެވެ.

މި ސްކީމްގެ ދަށުން ރަހުނަކާ އެކު 500،000 ރުފިޔާ އަދި ރަހުނަކާ ނުލައި 150،000 ރުފިޔާގެ ލޯނު ލިބޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެ އެވެ.

Ad
rt

މި ލޯނު ސްކީމް ތަޢާރަފުކުރުމުގެ މައިގަނޑު މަޤްޞަދަކީ ކޮންޓެންޓް ކްރިއޭޓަރުން ބާރުވެރިކޮށް، ރާއްޖޭގެ ކްރިއޭޓިވް އިޤްތިޞާދަށް ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދައިދިނުމެވެ. އެގޮތުން ޑިޖިޓަލް ކޮންޓެންޓް އުފައްދާ ފަރާތްތަކާއި، އިންފްލުއެންސަރުންނާއި، ވީޑިއޯގްރާފަރުންނަށް އެ ފަރާތްތަކުގެ ވަސީލަތްތައް އިތުރުކޮށް، ވިޔަފާރި ފުޅާކުރުމުގެ އިތުރު ފުރުސަތުތަކެއް މި ލޯނު ސްކީމްގެ ދަށުން ފަހިވެގެންދާނެ އެވެ.

އެސްޑީއެފްސީން ހާމަކުރި ގޮތުގައި މި ލޯނު ދޫކުރެވޭނީ އަހަރަކު 9.5 ޕަސެންޓުގެ އިންޓަރެސްޓް ރޭޓެއްގައެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރު ދުވަހުގެ މުއްދަތެއް ދެވޭނެ އެވެ. މީގެ އިތުރުން ލޯނުގެ ގްރޭސް ޕީރިއަޑްގެ ގޮތުގައި ހަ މަސް ދުވަސް ދެވޭނެ އެވެ.

މި ލޯނު ސްކީމްގެ އެހީގައި އިކުއިޕްމަންޓް ގަތުމާއި، އުފެއްދުންތެރިކަމުގެ ޚަރަދުތައް ހަމަޖެއްސުމާއި، ކްރިއޭޓިވް އެންޓަޕްރައިސަސްތައް ސްކޭލްކުރުމަށް ކޮންމެހެން ބޭނުންވާ ވިޔަފާރީގެ އެކި ޚަރަދުތައް ފޫބެއްދޭނެ ކަމަށް އެސްޑީއެފްސީން ފާހަގަކޮށްފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ ކޮންޓެންޓް ކްރިއޭޓަރުންނަށް ލޯނު ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދެއް ކަމާއި، މި ލޯނު ސްކީމް ތަޢާރަފުކުރުމާ އެކު އެ ވަޢުދު ފުއްދުމަށް މަގުފަހިވެގެން ދިޔުމެވެ.