އަމާނާ ތަކަފުލް މެދުވެރިކޮށް އެމް-ފައިސާއިން ފޯރުކޮށްދޭ ޓްރެވަލް އިންޝުއަރެންސްގެ ޚިދުމަތް ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން މަޝްހޫރު ޓްރެވަލް އެޖެންސީ "ފަތުރުވެރިން ޓްރެވަލްސް" އާއެކު އެމް-ފައިސާއިން ޕާޓްނާޝިޕެއް ގާއިމްކޮށްފިއެވެ.
މި ޕާޓްނާޝިޕްގެ ދަށުން "ފަތުރުވެރިން ޓްރެވަލްސް" މެދުވެރިކޮށް ދަތުރުތައް ރާވާ ކަސްޓަމަރުންނަށް ޓްރެވަލް އިންޝުއަރެންސް ހަމަޖެއްސުމަށް އިތުރަށް ފަސޭހަވެގެންދާނެއެވެ. "ފަތުރުވެރިން ޓްރެވަލްސް" އަކީ އެންމެ ފުރިހަމަ އެޑްވެންޗަރތައް ގެނެސްދިނުމުގެ އަމާޒުގައި މަސައްކަތްކުރާ، ރާއްޖެއިން ބޭރުގެ އެކި ގައުމުތަކަށް ދަތުރުކުރާ ފަރާތްތަކަށް ޚާއްޞަ ޚިދުމަތްތަކެއް ފޯރުކޮށްދޭ ޓްރެވަލް އޭޖެންސީއެކެވެ.
އެމް-ފައިސާގެ ޓްރެވަލް އިންޝުއަރެންސް ޕެކޭޖުގެ ދަށުން، އެކްސިޑެންޓެއްގެ ސަބަބުން ނުކުޅެދުންތެރިކަމެއް ދިމާވުން ނުވަތަ ފުރާނަ ގެއްލޭ ފަދަ ހާދިސާތަކުގައި 771,000 ރުފިޔާއާ ހަމައަށް ކަވަރުކޮށްދެއެވެ. އަދި ކުއްލި މެޑިކަލް ޚަރަދުތަކަށް 1.5 މިލިއަން ރުފިޔާއާ ހަމައަށް ކަވަރޭޖް ލިބޭނެއެވެ.
މީގެ އިތުރުން، މި އިންޝުއަރެންސްގެ ދަށުން ޕާސްޕޯޓް ގެއްލުމާއި، ދަތުރުމަތީގެ ތަކެތި ގެއްލުން، ދަތުރު ކެންސަލްވުން އަދި 12 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވާ ޓްރެވަލް ލަސްވުންތަކާއި، ކަނެކްޓިން ފްލައިޓް ނުވަތަ ޑިޕާޗަރއަށް ގަޑިއަށް ނުދެވިއްޖެނަމަ ބަދަލު ލިބޭނެއެވެ.
އެމް-ފައިސާގެ ޓްރެވަލް އިންޝުއަރެންސް ޚިދުމަތް އުރީދޫ ސުޕައެޕްގައި ހިމެނޭ އެމް-ފައިސާ ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް ފަސޭހަކަމާއެކު ލިބެން ހުންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!