އަލްކަހްފު ސޫރަތަކީ ޤުރުއާނުގެ 18 ވަނަ ސޫރަތެވެ. މި ސޫރަތުގެ މާތްކަމާއި ބަރަކާތްތެރިކަން ވަރަށް ބޮޑެވެ. ޚާއްޞަކޮށް މި ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ކިޔެވުމުގެ މާތްކަން ވަރަށް ބޮޑެވެ. މިކަން ޞައްޙަ ޙަދީޘްތަކުން ސާބިތުވެގެންވެއެވެ.
މީގެ އިތުރުން، ހުކުރު ދުވަހު އަލްކަހްފު ސޫރަތް ކިޔެވުމަކީ ވަރަށް މާތް ޢަމަލެކެވެ. މި ސޫރަތް ކިޔަވާ މީހާއަށް ދެ ހުކުރުގެ ދެމެދުގައި ނޫރެއް ލެވޭނެކަމަށް ޙަދީޘްތަކުގައި ވާރިދުވެގެން ވެއެވެ. އަދި މި ސޫރަތް ކިޔެވުމުގެ ސަބަބުން ފާފަތައް ފުއްސެވޭނެ ކަމަށްވެސް ބަޔާންވެގެންވެއެވެ.
ދައްޖާލަކީ ޤިޔާމަތް ދުވަހުގެ ކުރިން އަންނާނެ އެންމެ ބޮޑު ފިތުނައެވެ. އޭނާގެ ފިތުނައިން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި އަލްކަހްފު ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ދަސްކޮށް، އެ އާޔަތްތައް ހިތުދަސްކޮށް، އަދި އޭގެ މާނަ އަށް ވިސްނާ ފިކުރު ކުރުން ހިމެނެއެވެ. މިއީ ދައްޖާލުގެ ފިތުނައިން ސަލާމަތްވުމަށް އޮތް އެންމެ ފަސޭހަ އަދި ރަނގަޅު ގޮތްތަކުގެ ތެރެއިން އެއް ގޮތެވެ.
އަލްކަހްފު ސޫރަތުގެ މާތްކަމާއި، ޚާއްޞަކޮށް ފުރަތަމަ ދިހަ އާޔަތުގެ މާތްކަމަކީ ކޮންމެ މުސްލިމަކުވެސް ދަންނަންޖެހޭނެ ކަމެކެވެ. އަދި މި ސޫރަތުގެ ތަފްޞީރު ދަސްކޮށް، ޚާއްޞަކޮށް ހުކުރު ދުވަހު ކިޔެވުމަށް އަހުލުވެރިވުމަކީ ކޮންމެ މުސްލިމަކަށްވެސް މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައި ލިބޭނެ ދަރުމަ ވަރަށް ބޮޑެވެ.
ކަހްފު ސޫރަތުގެ ފުރަތަމަ 10 އާޔަތުގެ ތަފްޞީރު:
ٱلْحَمْدُ لِلَّهِ ٱلَّذِىٓ أَنزَلَ عَلَىٰ عَبْدِهِ ٱلْكِتَـٰبَ وَلَمْ يَجْعَل لَّهُۥ عِوَجَا ۜ ﴿١﴾
މިއީ މާތް ﷲއަށް ޙަމްދުކުރާނެ ގޮތް އަޅުތަކުންނަށް ދަސްކޮށްދެއްވުމަށް اَلْحَمْدُ للهِ އިން ފަށްޓަވާފައިވާ ފަސް ސޫރަތުގެ ތެރެއިން އެއް ސޫރަތެވެ. އެއީ އަލްފާތިޙާ، އަލްއަންޢާމް، އަލްކަހްފު، ސަބައު، އަދި ފާޠިރު މި ފަސް ސޫރަތެވެ. މި ޙަދީޘުގައި އައިސްފައިވާ ފަދައިންނެވެ. عَنْ أَبِي الدَّرْدَاءِ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ " مَنْ حَفِظَ عَشْرَ آيَاتٍ مِنْ أَوَّلِ سُورَةِ الْكَهْفِ عُصِمَ مِنَ الدَّجَّالِ". (صحيح مسلم، كتاب صلاة المسافرين وقصرها، باب فَضْلِ سُورَةِ الْكَهْفِ وَآيَةِ الْكُرْسِيِّ) (އަބުއްދަރްދާއި رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ ﷺޙަދީޘުކުރެއްވިއެވެ. "އަލްކަހްފު ސޫރަތުގެ ކުރީކޮޅުން ދިހަ އާޔަތް ދަސްކޮށްފި މީހަކު ދައްޖާލުގެ ކިބައިން ރައްކާތެރި ކުރައްވާނެއެވެ.) (ޞަޙީޙު މުސްލިމް، ޙަދީޘު: 809) މާނައީ: އެކަލާނގެ އަޅާ އަދި ރަސޫލާ މުޙައްމަދު ﷺ ގެ މައްޗަށް ޤުރްއާން ބާވައިލެއްވި މަތިވެރިވަންތަ، ކީރިތި ﷲ އަށް ތިޔަބައިމީހުން ޙަމްދުކުރާށެވެ. އެއީ އިންސާނުންނަށް ދެއްވި އެންމެ މަތިވެރި ނިޢުމަތެވެ. އެފޮތަކީ އެއްވެސް ގުދުކަމެއް، ސީދާ މަގުން އެއްކިބާވުމެއް އޭގައި ނެތް ސީދާ ވެގެންވާ ފޮތެއްކަމުގައި ލައްވާފައި ވާތީއެވެ.
قَيِّمًا لِّيُنذِرَ بَأْسًا شَدِيدًا مِّن لَّدُنْهُ وَيُبَشِّرَ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّـٰلِحَـٰتِ أَنَّ لَهُمْ أَجْرًا حَسَنًا ﴿٢﴾ مَّـٰكِثِينَ فِيهِ أَبَدًا ﴿٣﴾
ސާފުކަން ބޮޑު، ބަޔާންކުރަނިވި، ކާފިރުންނަށް އިންޒާރުކުރާ، މުއުމިނުންނަށް އުފާވެރިކަމުގެ ޚަބަރުދޭ ފޮތެއްގެ ގޮތުގައެވެ. ކާފިރުންނަށް އިންޒާރު ކުރަނީ ވޭންދެނިވި ޢަޛާބުގެ ވާހަކައިންނެވެ. މުއުމިނުންނަށް އުފާވެރިކަމުގެ ޚަބަރު ދެނީ، އެތަނުގައި އަބަދަށް ދެމިތިބޭނޭ، އެތަނުން ނުކުތުމެއް ނުވާ ނިޢުމަތުގެ ސުވަރުގޭގެ ވާހަކައިންނެވެ.
وَيُنذِرَ ٱلَّذِينَ قَالُوا۟ ٱتَّخَذَ ٱللَّهُ وَلَدًا ﴿٤﴾ مَّا لَهُم بِهِۦ مِنْ عِلْمٍ وَلَا لِءَابَآئِهِمْ ۚ كَبُرَتْ كَلِمَةً تَخْرُجُ مِنْ أَفْوَٰهِهِمْ ۚ إِن يَقُولُونَ إِلَّا كَذِبًا ﴿٥﴾
އެއުރެންނަކަށްވެސް، އަދި އެއުރެންގެ ކާބަފައިންނަކަށްވެސް (އެއުރެން އެބުނާ ބަހާމެދު) އެއްވެސް علم އެއް ލިބިފައެއް ނުވެއެވެ. އެއުރެންގެ އަނގަތަކުން އެނުކުންނަ ބަހެއްގެ ބޮޑުކަމާއެވެ! އެއުރެން އެ ބުނަނީ، ދޮގެއްކަމުގައިނޫނީ ނުވެއެވެ. (5)
އަދި ބުދަށް އަޅުކަންކުރާ މުޝްރިކުންނަށް އިންޒާރުކުރުމަށެވެ. އެބައިމީހުން، މަލާއިކަތުންނަށް އަޅުކަންކޮށް، އެއްވެސް ދަލީލެއް ޙުއްޖަތެއް ނެތި، ހަދައިގެން ވާހަކަދައްކައި، ބުހުތާން ދޮގުހެދުމުގެ ގޮތުން، އެބޭކަލުންނީ މާތް ﷲގެ އަންހެން ދަރިން ކަމުގައި ދަޢުވާކުރިއެވެ. އެބައިމީހުންދައްކާ ނުބައި ވާހަކައިގެ ހުތުރުކަން ބޮޑުކަމާއެވެ! އެއީ ބާޠިލުކަމުގެ އިންތިހާގައި ވާ ވާހަކައެކެވެ. އެބައިމީހުން ދައްކާ ވާހަކައަކީ ހަދައިގެން ދައްކާ ދޮގުވާހަކަ ފިޔަވައި އެހެން އެއްޗެއް ނޫނެވެ.
فَلَعَلَّكَ بَـٰخِعٌ نَّفْسَكَ عَلَىٰٓ ءَاثَـٰرِهِمْ إِن لَّمْ يُؤْمِنُوا۟ بِهَـٰذَا ٱلْحَدِيثِ أَسَفًا ﴿٦﴾
މުޙައްމަދު ﷺއެވެ! އެބައިމީހުން އީމާންކަމަށް ފުރަގަސްދީ އެނބުރިދިއުމުން، އެބައިމީހުން އެކުރި ކަންތަކާމެދު ދެރަފުޅުވެ، ކުރައްވާ ހިތާމައިގެ ބޮޑުކަމުން ކަލޭގެފާނު އަމިއްލަ ނަފުސު ނެތިކޮށްލައްވަން އުޅުއްވަނީތޯއެވެ؟ އެބައިމީހުންނީ، އެބައިމީހުންނާމެދު ކަލޭގެފާނު ދެރަފުޅުވެ ހިތާމަކުރެއްވުން ޙައްޤު ބައެއް ނޫނެވެ. އެބައިމީހުންނީ ދުނިޔެއާއި އެތަނުގެ ޒީނަތްތެރިކަމަށް ހެއްލި، އެބައިމީހުންގެ ވެރިރަސްކަލާނގެއާއި އާޚިރަތުގެ ގޮވަތި ހަނދާން ނައްތާލާފައި ތިބި ބައެކެވެ. ވީއިރު، އެބައިމީހުންނާމެދު ކަލޭގެފާނު ދެރަފުޅުވެ ހިތާމަ ކުރައްވަނީ ކީއް ކުރައްވަންތޯއެވެ؟ މިއާޔަތަކީ އެބައިމީހުން އީމާން ނުވުމުން އެކަލޭގެފާނުގެ ހިތްޕުޅު ހަމަޖައްސަވައިދެއްވާފައިވާ އާޔަތެކެވެ.
إِنَّا جَعَلْنَا مَا عَلَى ٱلْأَرْضِ زِينَةً لَّهَا لِنَبْلُوَهُمْ أَيُّهُمْ أَحْسَنُ عَمَلًا ﴿٧﴾
ބިންމަތީގައި ވާ ރިވެތި މަންޒަރުތަކާއި، ރަނާއި، ރިއްސާއި، މަޢުދަންތަކާއި، މުދާ ތިމަރަސްކަލާނގެ ލައްވާފައިވަނީ އެބިމުގެ ޒީނަތެއް ކަމުގައެވެ. ހަމަ އެފަދައިން ތިމަންރަސްކަލާނގެ ތަރިތަކުން އުޑު ޒީނަތްތެރިކުރެއްވީމެވެ. މީސްތަކުންގެ ތެރެއިން މާތް ﷲއަށް އެންމެ ބޮޑަށް ކިޔަމަންތެރިވެ، އެންމެ ހެޔޮ އެންމެ ސާފު ޢަމަލު ކުރަނީ ކާކުތޯ ބައްލަވައި އިމްތިޙާނުކުރެއްވުމަށެވެ.
وَإِنَّا لَجَـٰعِلُونَ مَا عَلَيْهَا صَعِيدًا جُرُزًا ﴿٨﴾
ބިންމަތީގައިވާ ޒިނަތްތެރިކަމާއި ހިތަށް އުފާވެރިކަން ގެނެސްދޭ ތަކެތި ތިމަންރަސްކަލާނގެ ހަލާކުކުރައްވައި ނެތިކުރައްވާހުށީމެވެ. ބަލާ މީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ ފެހިކުލަގަދަ އާރޯ ތަނެއްގޮތުގައި އޮތުމަށްފަހު އެއްވެސް ގަހެއް ދިރުމެއް ނެތް ހަނަފަސް ބިމަކަށް އެބިން ވަންދެނެވެ. الأرض الجرز އަކީ އެއްވެސް ގަހެއް ނެތް ހަނަފަސް ބިމެވެ. عَنْ أَبِي سَعِيدٍ الْخُدْرِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ "إِنَّ الدُّنْيَا حُلْوَةٌ خَضِرَةٌ وَإِنَّ اللَّهَ مُسْتَخْلِفُكُمْ فِيهَا فَيَنْظُرُ كَيْفَ تَعْمَلُونَ فَاتَّقُوا الدُّنْيَا وَاتَّقُوا النِّسَاءَ فَإِنَّ أَوَّلَ فِتْنَةِ بَنِي إِسْرَائِيلَ كَانَتْ فِي النِّسَاءِ". (صحيح مسلم، كتاب الرقاق، بَاب أَكْثَرُ أَهْلِ الْجَنَّةِ الْفُقَرَاءُ وَأَكْثَرُ أَهْلِ النَّارِ النِّسَاءُ وَبَيَانِ الْفِتْنَةِ بِالنِّسَاءِ) (އަބޫސަޢީދު އަލްޚުދްރީ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ ﷺޙަދީޘުކުރެއްވިއެވެ. "ހަމަކަށަވަރުން ދުނިޔެއަކީ ފޮނި ފެހި ތަނެކެވެ. ހަމަކަށަވަރުން މާތް ﷲ އެތަނުގައި ތިޔަބައިމީހުން ޚަލީފާއިން ކަމުގައި ލައްވަވައި، ތިޔަބައިމީހުން ޢަމަލުކުރަނީ ކިހިނެއްތޯ ބައްލަވާނެއެވެ. ފަހެ، ތިޔަބައިމީހުން ދުނިޔެއާމެދު ރައްކާތެރިވާށެވެ. އަދި އަންހެނުންނާމެދު ރައްކާތެރިވާށެވެ. އެހެނީ، ބަނީއިސްރާއީލަށް ކުރިމަތިވި ފުރަތަމަ އިމްތިޙާނަކީ އަންހެނުންގެ ފިތުނައެވެ.) (ޞަޙީޙު މުސްލިމް،
أَمْ حَسِبْتَ أَنَّ أَصْحَـٰبَ ٱلْكَهْفِ وَٱلرَّقِيمِ كَانُوا۟ مِنْ ءَايَـٰتِنَا عَجَبًا ﴿٩﴾
ހޮހޮޅައިގެ އަހުލުވެރީންގެ ވާހަކަ (އެޙާދިޘާގެ ބޮޑު ކަމާއި، ވާހަކައިގެ ޢަޖާއިބުކަމާއި އާދަޔާ ޚިލާފުކަމާއެކު) އެއީ މާތް ﷲގެ އެންމެ ޢަޖާއިބުކުރަނިވި ހެކި ކަމުގައި ކަލޭގެފާނު ހީފުޅުކުރެއްވީ ހެއްޔެވެ؟ ފަހެ، މިކައުނުގެ ކަންކޮޅުތަކުގައި ހޮހަޅައިގެ އަހުލުވެރިންގެ ވާހަކައަށް ވުރެ މާ ޢަޖާއިބުކުރަނިވި އާދަޔާ ޚިލާފު ކަންކަން ވެއެވެ.
إِذْ أَوَى ٱلْفِتْيَةُ إِلَى ٱلْكَهْفِ فَقَالُوا۟ رَبَّنَآ ءَاتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا ﴿١٠﴾
ބުދަށް އަޅުކަންކުރަން މީސްތަކުންނަށް މަޖުބޫރުކުރަމުން ދިޔަ ޙައްދުފަހަނައަޅައި ގޮސްފައިވާ ޖައްބާރު ދަޤްޔާނޫސްއަށް ފިލަންވެގެން އެ ޒުވާނުން ހޮހަޅައަށް ވަދެ އެއީ އެމީހުން ރައްކާތެރިވާނެތަން ކަމުގައި ހެދި ހިނދުއެވެ. ފަހެ، އެޒުވާނުން ދެންނެވިއެވެ. އެ އަނިޔާވެރި ރަސްގެފާނުގެ ކުރިމަތީގައި ތިމަންމެންނަށް ސާބިތުކަން ލިބިދޭނޭ ކަމެއް އިބަރަސްކަލާނގެ ފަޟްލުވަންތަކަމާއި އޯގާވަންތަކަމުގެ ޚަޒާނާގެ ތެރެއިން އަޅަމެންނަށް ދެއްވާނދޭވެ. އަދި ހިދާޔަތާއި ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައި އަޅަމެން ލައްވާނދޭވެ.
ކަހްފު ސޫރަތުގެ ތަފްޞީރު އެކި ކިޔާލުމަށް:
ތަފްސީރު ނަގާފައިވާނީ اَلتَّفْسِيْرُ الْوَاضِحُ الْمُيَسَّرُ "ބަޔާން ވެގެންވާ ފަސޭހަ ތަފްސީރު" ގެ ދިވެހި ތަރުޖަމާ އިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!