ޔޫރަޕިއަން ޔޫނިއަންގެ މެންބަރު ގައުމުތަކުން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލާ، ޓޫ ސްޓޭޓް ސޮލިއުޝަން އަކަށް މަގުފަހިކުރުމަށް އަމާޒުކޮށް ޔޫރަޕިއަން ޕާލިމެންޓުން ޤަރާރެއް ފާސްކޮށްފި އެވެ.
މި ޤަރާރު ފާސްކުރެވުނީ 305 މެންބަރުންގެ ވޯޓާ އެކުގައެވެ. 151 މެންބަރުން ވޯޓުދިނީ ޤަރާރާ ދެކޮޅަށެވެ. އަދި 122 މެންބަރުން ވޯޓުގައި ވަކިކޮޅަކަށް ވޯޓެއް ނުދެއެވެ.
ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް މި ޤަރާރުގައި ގޮވާލާފައިވެއެވެ. އަދި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއެޅުމާއި އިންސާނީ ހާލަތު ގޯސްކުރުމުގައި އިސްރާއީލްގެ ޒިންމާ އޮތްކަން ސާފުކޮށް ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން ހަމާސްގެ ބާރުގެ ދަށުގައި ތިބި އިސްރާއީލީ ރަހީނުން ދޫކޮށްލުމަށް ގޮވާލާފައިވެއެވެ.
ޤަރާރުގައި ޔޫރަޕިއަން ޔޫނިއަނަށް ގޮވާލާފައިވަނީ އަމަލީ ފިޔަވަޅުތައް އެޅުމަށެވެ. ހަމައެކަނި ބުނެލާ ބަހަކުން ކުއްވެރިކޮށްލައިގެން ނުތިބެ އަމަލީ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައިވެއެވެ. މިގޮތުން އީޔޫ-އިސްރާއީލް އެސޯސިއޭޝަން އެގްރީމެންޓްގެ ވިޔަފާރިތައް ހުއްޓާލުމަށާއި، އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް ގޮވާލާފައިވެ އެވެ.
އަދި އަންރުވާގެ މެންޑޭޓް އަލުން ފުރިހަމައަށް އިއާދަކުރުމަށް ތާއީދުކުރުމާއެކު، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށާއި އެ ކޯޓުން ނެރޭ އަމުރުތަކަށް ވަރުގަދަ ތާއީދު ކޮށްފައިވެއެވެ. ޤަރާރުގައި "ޖެނޮސައިޑް" (ނަސްލު ނައްތާލުން) މި ލަފުޒު ބޭނުންކުރުމާމެދު ޚިޔާލު ތަފާތުވުންތަކެއް އުފެދުނު ނަމަވެސް، ފަހު ޑްރާފްޓުން އެ ބަސް ވަނީ އުނިކޮށްފައެވެ.
އިޓަލީގެ ސޯޝަލިސްޓް އެމްއީޕީ ނިކޯލާ ޒިންގަރެޓީ ވިދާޅުވި ގޮތުގައި މި ނަތީޖާއަކީ ސިޔާސީ ގްރޫޕްތަކުގެ މެދުގައި ކުރެވުނު ފުޅާ މަޝްވަރާތަކެއްގެ ނަތީޖާއެކެވެ.
ޣައްޒާގައި އިސްރާއީލުން ދެމުންދާ ހަމަލާތައް އިތުރަށް ހަރުކަށިވެފައިވެއެވެ. މިދިޔަ ހޯމަ ދުވަހުން ފެށިގެން ދުވާލަކު 150 މީހުން ޝަހީދުކޮށްލަމުން ދާއިރު، 550 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. މީގެ ތެރޭގައި އެހީ ހޯދަން އުޅުނު 14 މީހުންނާއި، ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވި ދެކުދިން ހިމެނެއެވެ. 2023 އޮކްޓޯބަރުން ފެށިގެން މިހާތަނަށް ޣައްޒާގައި މަދުވެގެން 64,656 މީހުން ޝަހީދުކޮށްލާފައިވާއިރު، މީގެ ތެރޭގައި ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވި 404 މީހުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!