އެމެރިކާގެ މީޑިއާ އެކްސިއޮސްގައި ނެރެފައިވާ ރިޕޯޓުތަކުގައި ގަތަރާއި އެމެރިކާގެ ސަރުކާރާއެކު އޮތް ގުޅުން ހީނަރުވެފައިވާ ކަމަށާއި، އެހެންކަމުން ދެ ޤައުމުގެ ގުޅުމުގެ ސަލާމަތީ ބައިވެރިވުން އަލުން ވަޒަންކުރަމުންދާކަމަށް ބުނެފައިވާ ވާހަކަތައް ގަތަރުން ދޮގުކޮށްފިއެވެ.
އެކްސިއޮސް ރިޕޯޓް ދޮގުކޮށް ޤަތަރުގެ އިންޓަނޭޝަނަލް މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ވާހަކަ ތަކަކީ "މުޅިން ދޮގު" ވާހަކަތަކެއް ކަމަށެވެ. އަދި، އެކްސިއޮސްއަށް "މަޢުލޫމާތު އެނގޭ" ނަން ނުހާމަކުރާ މަސްދަރަކުން ދީފައިވާ މައުލޫމާތުތަކަކީ ޤަތަރާއި އެމެރިކާއާ ދެމެދު އޮތް ގުޅުމުގައި ރެނދު އެޅުވުމަށް ކޮށްފައިވާ ނާކާމިޔާބު މަސައްކަތެއް ކަމަށް ގަތަރުން ވަނީ ސިފަކޮށްފައެވެ.
"މިއީ ސަރަޙައްދުގައި ހަމަނުޖެހުމުން ފައިދާ ހޯދައި، ސުލްޙައަށް އިދިކޮޅު ފަރާތްތަކުން ޤަތަރާއި އެމެރިކާއާ ދެމެދު ރެނދު އެޅުވުމަށް ކޮށްފައިވާ ސާފު އަދި ނާކާމިޔާބު މަސައްކަތެއް،" އެ ބަޔާނުގައި ބުނެފައިވެއެވެ.
ގަތަރުގެ އިންޓަނޭޝަނަލް މީޑިއާ އޮފީހުން ބާރުއަޅައި ބުނެފައިވަނީ ޤަތަރާއި އެމެރިކާ ދެމެދު އޮތް ސަލާމަތާއި ދިފާޢީ އެއްބާރުލުން "ކުރިއަށްވުރެ މިހާރު ވަރުގަދަވެފައިވާ" ކަމަށެވެ. އަދި އެ އެއްބާރުލުން ކުރިއަރަމުންދާ ކަމަށް ބުނެފަވެއެވެ.
މީގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި އޮތް ދިގު މުއްދަތުގެ އެހީތެރިކަން ވެސް މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
"އަޅުގަނޑުމެންގެ ދެ ޤައުމުން ގިނަ އަހަރުތަކެއް ވަންދެން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެފައިވޭ، އަދި އަޅުގަނޑުމެން ދުނިޔޭގެ ސުލްޙަ އާއި ހަމަޖެހުން ކުރިއެރުވުމަށް އެކުގައި މަސައްކަތްކުރަމުން ގެންދާނަން" ޤަތަރުގެ އިންޓަނޭޝަނަލް މީޑިއާ އޮފީހުން ނެރުނު ބަޔާނުގައި ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!