ހދ. މަކުނުދޫގެ ސިއްހީ މަރުކަޒުގެ އައު އިމާރާތާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި އަދި ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ.
މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން މިއަދު މަކުނުދޫ އަށް ކުރެއްވި ޒިޔާރަތުގައެވެ.
މަކުނުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ، ސިއްޙީ ވަޒީރު އަބްދުﷲ ނާޘިމް އިބްރާހިމެވެ.
މަކުނުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއިއެވެ. މިމަސައްކަތް 900 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭއިރު، މިމަޝްރޫއުގެ އަގަކީ 103.59 މިލިޔަން ރުފިޔާއެވެ.
މި މަޝްރޫޢުއާއި ބެހޭ ގޮތުން ރައީސް މުޢިއްޒު މިއަދު ވިދާޅުވީ، އެރަށުގައި ތަރައްޤީކުރާ ސިއްޙީ މަރުކަޒު ތަރައްޤީ ވެގެންދާނީ އެންމެ މަތީ ފެންވަރުގެ ލެވެލް 4ގެ ސިއްޙީ މަރުކަޒެއްގެ ގޮތުގައި ކަމަށެވެ. އަދި ސްޕެޝަލިސްޓު ޑޮކްޓަރުން މުހިންމު ދާއިރާތަކުން ޚިދުމަތްދީ، އެކްސްރޭއާއި ސްކޭނިންގެ ޚިދުމަތާއި ޑައިލިސިސްގެ ޚިދުމަތް ފަދަ މުހިންމު ޚިދުމަތްތައް ޤާއިމްވެގެންދާނެކަމަށެވެ.
މަކުނުދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. އަދި އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙްއާއި، މަކުނުދޫ ކައުންސިލްގެ ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މަނުނުދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ބެހޭ ވަޒީރު ޢަބުދުﷲ ރާފިއު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފާއި އަދި މަކުނުދޫ ކައުންސިލްގެ ރައީސެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!