ރޯގާއާއި ކެއްސުމަށް، އާއްމުގޮތެއްގައި ކުޑަކުދިންނަށް ދޭ ބޭހެއްކަމަށްވާ ކޮފްސީ ސިރަޕު ރާއްޖެއަށް އިމްޕޯޓް ކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ވިއްކާ ބޭހަކީ ފެންވަރު ރަނގަޅު ބޭހެއްތޯ ކަށަވަރުކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެމަސައްކަތްތަކުގެތެރެއިން ބޭހުގެ މާކެޓް ސާވެއިލަންސް ކުރަނިކޮށް، ކޮފްސީ ސިރަޕުން ކޮލިޓީގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާކަމަށެވެ.

Ad
rt

އެހެންކަމުން މިއަދުން ފެށިގެން އެ ބޭސް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކުރެވިފައިވާ ކަމަށެވެ.

އަދި އެއްވެސް ފާރމަސީއެއް ގައި މިބޭސް ހުރި ނަމަ، ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދަމުންދާ ކަމަށެވެ.

އެމްއެފްޑީއޭއިން ބުނީ މިބޭސް ބޭނުން ކުރުމުގެ ސަބަބުން، މިހާތަނަށް އެއްވެސް ފަރާތަކުން ޞިއްޙީ މައްސަލައެއް ދިމާވެގެން އެއޮތޯރިޓީ އަށް ރިޕޯޓް ކޮށްފައި ނުވާކަމަށެވެ.

މީގެއިތުރުން ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތަކަށް ސަމާލުވުމަށް ވެސް އެމްއެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ބޭހާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާ ނަމަ، މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޝަންގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވުމަށް އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.

މި ބޭސް ވަނީ 2024 ވަނަ އަހަރު ވެސް މަނާކޮށްފައެވެ. އެ އަހަރު މި ބޭސް ރާއްޖޭގައި މަނާކުރީ، ''ކޮފްސީ ސިރަޕް 100 އެމްއެލް''ގެ އޭރު ހުރި ބެޗްގައި ކުނޑިކޮޅުތަކެއް ހުންނަކަން ފާހަގަކުރެވިގެން ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލަންޖެހޭ ކަންކަން ބެލުމަށް 19 އޯގަސްޓް 2024 ގައެވެ. އަދި އެ ބެޗުގެ ބޭސް ތަހުލީލުކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށް 29 ސެޕްޓެމްބަރު 2024 ގައި ވަނީ އަލުން އެ ބޭހަށް ރާއްޖޭގައި ހުއްދަ ދީފައެވެ.