ފަތުރުވެރިކަމުގެ ބޭނުމަށް ށ. ކަނޑިތީމުން ބިން ދޫކުރުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
އެގޮތުން ގެސްޓް ހައުސް ތަރައްޤީ ކުރުމަށް ކުއްޔަށް ދޫކުރާ ބިންތައް 50 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑިތީމު ކައުންސިލުން ވަނީ އިއުލާނުކޮށްފައެވެ.
މިކަމަށް ހުޅުވާލަމުން ކަނޑިތީމު ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ކުއްޔަށް ހިފުމަށް ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި ކައުންސިލްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމަށެވެ.
މިގޮތުން ބިޑުގައި ރަޖިސްޓްރީވުމަށްޓަކައި https://forms.gle/dGoGUNcdaY91jDy47 މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް އެ ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.
ބީލަމުގައި ރަޖިސްޓްރީވާ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 29 ޖުލައި 2025 (އަންގާރަ) ދުވަހުން ފެށިގެން 07 އޮގަސްޓް 2025 (ބުރާސްފަތި) ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 13:00 އަށް ކަނޑިތީމު ކައުންސިލް އިދާރާއިންނެވެ.
ކަނޑިތީމު ކައުންސިލުން އާންމުކުރި އިއުލާނުގައި އިތުރަށް ބުނެފައިވަނީ، ބިން ކުއްޔަށް ހިފުމަށް އެދޭފޯމާއި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 01 ސެޕްޓެމްބަރ 2025 (ހޯމަ) ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި ކަމަށެވެ. އަދި ސުންގަޑި ހަމަވުމަށްފަހު ލިބޭ ފޯމާއި ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެކަމަށް ކަނޑިތީމު ކައުންސިލުން ބުނެފައިވެއެވެ.
މީގެ އިތުރުން ޕްރޮޕޯސަލްއާއެކު ހުށަހަޅާ އެންމެހާ ލިޔެކިޔުންތައް ހުންނަވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ކަމަށާއި، ސިޓީ އުރައިގެ ބޭރުގައި މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ މައުލޫމާތު ސާފުކޮށް ލިޔެފައި އޮންނަންވާނެކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
ކަނޑިތީމު ކައުންސިލުން މިފަހަރު ވަނީ ހަތަރު ބިމެއް ފަތުރުވެރިކަމަށް ދޫކުރުމަށް ހުޅުވާލާފައެވެ. އެއީ 17667 އަކަފޫޓްގެ ބިމަކާއި، 8943 އަކަފޫޓްގެ ބިމަކާއި، 8960 އަކަފޫޓްގެ ބިމަކާއި އަދި 7424 އަކަފޫޓްގެ ބިމެކެވެ. މި ބިންތައް ކުއްޔަށް ހިފުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1 ރުފިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!