އޮސްޓްރޭލިއާއިން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެކަމަށް އެ ގައުމުގެ ބޮޑުވަޒީރު އެންތޯނީ އަލްބަނީޒް މިއަދު ވިދާޅުވެއްޖެއެވެ.
އޮސްޓްރޭލިއާއިން މި ނިންމުން ޢިއުލާންކޮށްފައި މި ވަނީ ފަރަންސޭސިވިލާތާއި، އިނގިރޭސިވިލާތާއި އަދި ކެނެޑާގެ ލީޑަރުންވެސް އެފަދައިން ޢަމަލުކުރާނެކަމަށް ޢިއުލާންކޮށްފައި ވަނިކޮށެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އަލްބަނީޒް މިކަން ޢިއުލާންކުރަށްވާފައި މިވަނީ އޭނާގެ ކެބިނެޓުންނާއި، އޮސްޓްރޭލިއާގެ ގިނަ ބަޔަކު ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލަމުން ދާތާ ހަފްތާތަކެއް ފަހުން، އަދި ޣައްޒާގައި ދިމާވެފައިވާ ހާލަތާ ގުޅޭގޮތުން އޭނާގެ ސަރުކާރުގެ އޮފިޝަލުންގެ ފާޑުކިޔުންތައް އިތުރުވަމުން ދަނިކޮށެވެ.
އަލްބަނީޒް މިއަދު މި ހާލަތަށް ރިފަރކުރެއްވީ "އިންސާނީ ކާރިސާއެއް" ގެ ގޮތުގައެވެ.
އޮސްޓްރޭލިއާގެ ސަރުކާރުން ވަނީ އިޒްރޭލްގެ ބޮޑުވަޒީރި ބެންޖަމިން ނެތަންޔާހޫ ޢިއުލާންކޮށްފައިވާ ޣައްޒާ ފޭރިގަތުމުގެ ޕްލޭނަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
މިއަދު ކެބިނެޓް ބައްދަލުވުމަކަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އަލްބަނީޒް ވިދާޅުވީ އޮސްޓްރޭލިއާއިން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުން ސެޕްޓެމްބަރުގައި އދ.ގެ ޖެނެރަލް އެސެމްބްލީގައި ރަސްމީކޮށް ޢިއުލާންކުރާނެ ކަމަށެވެ. މި ބަލައިގަތުން ބިނާވެފައިވަނީ "ފަލަސްތީނު އޮތޯރިޓީން އޮސްޓްރޭލިއާއަށް ދީފައިވާ ޔަގީންކަންތަކެއްގެ މައްޗަށް" ކަމަށް އަލްބަނީޒް ވިދާޅުވިއެވެ.
މި ޔަގީންކަންތަކުގެ ތެރޭގައި ފަލަސްތީނު ސަރުކާރެއްގައި ހަމާސްއަށް އެއްވެސް ދައުރެއް ނޯންނާނެކަމާއި، ޣައްޒާ ހަތިޔާރުން އެއްކިބާކުރުމާއި، އިންތިޚާބުތައް ބޭއްވުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
"ދެ ދައުލަތުގެ ހައްލަކީ މެދުއިރުމަތީގައި ހިނގަމުންދާ އަނިޔާވެރިކަމުގެ ސައިކަލް ހުއްޓުވުމަށާއި ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާއި، ވޭނާއި، ބަނޑުހައިހޫނުކަން ނިމުމަކަށް ގެނައުމަށް އިންސާނިއްޔަތުގެ އެންމެ ރަނގަޅު އުއްމީދު" އަލްބަނީޒް ވިދާޅުވިއެވެ.
"ޣައްޒާގެ ހާލަތު ވަނީ ދުނިޔޭގެ އެންމެ ނުރައްކާތެރި ބިރުވެރިކަމަށްވުރެވެސް ފަހަނައަޅާ ގޮސްފައި، އިޒްރޭލްގެ ސަރުކާރުން ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވަމުން ދަނީ އަދި ކުޑަކުދިން ހިމެނޭ ގޮތަށް ނިކަމެތި ރައްޔިތުންނަށް އެކަށީގެންވާ އެހީއާއި، ކާނާއާއި، ފެން ފޯރުކޮށްދިނުން މަނާކުރަމުން ދަނީ" އޭނާ ވިދާޅުވިއެވެ.
އަލްބަނީޒްގެ އިޢުލާނުގެ ކުރިން، އިއްޔެ ނަތަންޔާހޫ ވަނީ ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް މަސައްކަތްކުރާ އޮސްޓްރޭލިއާއާއި އެހެން ޔޫރަޕިއަން ގައުމުތަކަށް ފާޑުކިޔާފައެވެ.
"އެ ބަޔަކު އެ ވަޅުގަނޑަށް ވެއްޓުމަށް، މި ދޮގަށް، ޔޫރަޕިއަން ގައުމުތަކާއި އޮސްޓްރޭލިއާއިން ދިއުމަކީ ހިތާމަހުރި ކަމެއް އަދި އަހުރެން ދެކޭގޮތުގައި ލަދުވެތި ކަމެއް" ނަތަންޔާހޫ އިއްޔެ ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!