ދިވެހިރާއްޖެ އާއި ސިންގަޕޫރާއި ދެ ގައުމުގެ ލާބައަށް ދެ ގައުމުގެ ދެމެދު ގުޅުން އިތުރަށް ބަދަހިކުރާނޭކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

ރައީސް މި ޔަގީންކަންދެއްވީ ސިންގަޕޫރުގެ 60 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި ބޮޑުވަޒީރު ލޯވްރެންސް ވޮންގްއަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވި ސިޓީފުޅުތަކުގައެވެ.

Ad
rt

މި ސިޓީފުޅުތަކުގައި ރައީސް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ސިންގަޕޫރުން ހޯދާފައިވާ ކާމިޔާބީތަކަކީ ދުރުވިސްނޭ ވެރިންނާއި، އެއްބައިވަންތަކަމާއި، ރައްޔިތުންގެ ވިލުންތެރިކަމުގެ މައްޗަށް ބިނާވެފައިވާ ކުރިއެރުމެކެވެ.

އެމަނިކުފާނު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ ދެޤައުމުގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިވި ދަތުރުފުޅެއްކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓު މެދުވެރިކުރައްވައި އާންމުކުރެއްވި މެސެޖެއްގައިވެސް، ދެޤައުމުގެ މެދުގައި ބަދަހިވަމުންދާ ގުޅުމާއި، ދެޤައުމުގެ ލާބައަށް ކުރެވެމުންދާ ކަންކަން ފާހަގަކުރައްވައި އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ.

ރައީސް މުޢިއްޒު ވަނީ މިދިޔަ ޖޫން މަހުގެ 29 އިން މި ޖުލައި މަހުގެ 2 އަށް އެ ޤައުމަށް ފުރަމާނަދަތުރުފުޅެއް ކުރަށްވާފައެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާމެދު، ސިންގަޕޫރުގެ ރައީސް ޝަންމުގަރަނަމް އާއި ބޮޑުވަޒީރު ލޯރެންސް ވޮންގާއާއެކު މަޝްވަރާތައް ކުރިއަށްގެންދަވާފައެވެ.

މި ދަތުރުފުޅުގައި، އެއް ޤައުމުން އަނެއްޤައުމަށް އެއްބާރުލުން ދިނުމާ ގުޅުންހުރި ފަހުމުނާމާތަކާއި އެއްބަސްވުންތަކުގައި ވަނީ ސޮއިކުރައްވާފައެވެ. އެގޮތުން، ޤާބިލުކަން އިތުރުކުރުމުގެ ދާއިރާއިންނާއި، ތިމާވެށީގެ ތަރައްޤީގެ ދާއިރާއިންނާއި، ތަޢުލީމީ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ވަނީ ސޮއިކުރައްވާފައެވެ.

މީގެ އިތުރުން، ސިންގަޕޯ ކޯޕަރޭޝަން އެންޓަޕްރައިޒާ އެކު ފަހުމުނާމާއެއްގައި ސޮއިކުރައްވާފައިވެއެވެ. އަދި ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ހެންލީ އެންޑް ޕާޓްނާރސްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރައްވައި، ޕްރޮޖެކްޓް ސޯލާ ސިޓީ އިންވެސްޓްމަންޓާ ގުޅޭގޮތުން ދިވެހި ސަރުކާރާއި އޭ.ޕީ.އެމް އެސް.ޕީ.ވީ ޕްރައިވެޓް ލިމިޓެޑާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

2025 ވަނަ އަހަރަކީ ދިވެހިރާއްޖެ އާއި ސިންގަޕޫރާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރާ އަހަރުކަމަށް ވާތީ، ދެ ޤައުމުގެ 50 އަހަރުވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކުލަވާލައްވާފައިވާ ޚާއްޞަ ފޮތެއް، ރައީސް ވަނީ، ސިންގަޕޫރުގެ ރައީސަށް ހަދިޔާކުރައްވާފައެވެ. އަދި ރައީސް މުޢިއްޒު އާއި ރައީސް ތަރްމަން ޝަންމުގަރަނަމް ވަނީ، މި މުނާސަބަތާ ގުޅޭ ހަނދާނީ ސްޓޭމްޕް އިފްތިތާޙުކޮށްދެއްވާފައެވެ.

މި ދަތުރުފުޅުގައި، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލުކުރައްވާފައިވެއެވެ.