ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ 200 އަށްވުރެ ގިނަ ފަރާތްތަކުން ސޮއިކޮށް އިސްރާއީލްގެ ''ބޮޑެތި ދޮގުތައް'' ބަޔާންކޮށް، އިސްރާއީލްގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލައި، އެކުވެރި ދައުލަތްތައް (އދ.)ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސްއަށް ގުޅިފައިވާ ސިޓީއެއް ފޮނުވައިފިއެވެ.
މި ސިޓީގައި ސޮއިކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ސިޔާސީ ފަރާތްތަކާއި، ތައުލީމީ މީހުންނާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި، ނޫސްވެރިންނާއި، ދީނީ ޢިލްމްވެރިންނާއި އަދި މުޖުތަމައުތަކުގައި ބަލައިގެންފައިވާ ފަރާތްތައް ހިމެނެއެވެ.
މި ސިޓީގައި ވަނީ އިސްރާއީލުން ފަލަސްތީނާއި ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ޖަރީމާތައް ނިމުމަކަށް ގެނެސް، ބިންތައް ފޭރުމާއި، ފަލަސްތީނުގެ މައްޗަށް ވެރިވެގަތުމުގެ ޢަމަލުތައް ހުއްޓުވައިދިނުމަށް ގޮވާލާފައެވެ.
މި ސިޓީ އިއްޔެ އާންމުކޮށްފައިވާއިރު ހަނުތިބުމަކީ އިސްރާއީލްގެ ޖަރީމާތަކުގައި ބައިވެރިވުުންކަމަށް ވަނީ ސިފަކޮށްފައެވެ. އަދި ފަސްޖެހުމަކީ އދ. އުފެދުމުގެ އަސާސްތަކަށް ޚިޔާނާތްތެރިވުންކަމަށް ބުނެ ވަގުތުން ފިޔަވަޅު އެޅުމަށް އިންޒާރުދީފަވެއެވެ.
މި ސިޓީގައި ވަނީ 2025 ވަނަ އަހަރުގެ ޖޫން އަދި ޖުލައި މަހު ޣައްޒާގައި އިސްރާއީލުން ހިންގި އަނިޔާވެރި ޖަރީމާތަކަކީ، މިޒަމާންދުށް އެންމެ ބޮޑު، އެންމެ ގިނަ މީހުން މެރުމާއި ނަސްލުނައްތާލުމުގެ އަނިޔާވެރިކަންކަމަށް ވަނީ ބުނެފައެވެ. އަދި އިސްރާއީލްގެ މި އަނިޔާވެރިކަމުގައި 60،000 އަށްވުރެ ގިނަ ފަލަސްތީން ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި 17،000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނޭކަމަށާއި، އިސްރާއީލްގެ ލާއިންސާނީ އުދުވާނުގައި ފަލަސްތީނުގެ ދެ މިލިއަނަށްވުރެ ގިނަ މީހުން ގޭދޮރުން ބޭރުކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.
ސިޓީގައި ހުށަހަޅާފައިވަނީ އިސްރާއީލުގެ އަނިޔާވެރިކަން އޭގެ އުފެދުމުގެ ކުރިން ފެށިގެން ދެމެހެއްޓިފައިވާ ކަމަށް ބުނާ "ހަތް ދޮގު" ބަޔާންކުރުމާއެކުގައެވެ. މިގޮތުން 1948 ގެ ނަކްބާ ސިފަކޮށްފައިވަނީ އަސްލު ފަލަސްތީނު ރައްޔިތުން "ގަސްދުގައި ފޮހެލުމެއް" ގެ ގޮތުގައެވެ. މީގެ ތެރޭގައި 500 އަށްވުރެ ގިނަ ރަށް ހަލާކުކޮށް، 700،000 އަށްވުރެ ގިނަ ފަލަސްތީން ރައްޔިތުން ޤައުމު ނެތް ބަޔަކަށް ހަދާފައިވާކަން ސިޓީގައި ވަނީ ފާހަގަކޮށްފައެވެ. އަދި އިސްރާއީލުގެ "އުފެދުން" އެއީ ޤާނޫނީ ނުވަތަ އިންސާފުވެރި ކަމެއްގެ ގޮތުގައި ދެކޭ ވާހަކައަށް ދެކޮޅުހަދާކަމަށް އެފަރާތްތަކުން ބުނެފަވެއެވެ.
މި ސިޓީގައި ސޮއިކުރި ފަރާތްތަކުން ފާހަގަކޮށްފައިވަނީ 1948 ގައި ދައިރު ޔާސިންގައި ހިންގި މަރުގެ އަނިޔާވެރިކަމާއި، 1982 ގައި ސަބްރާ އަދި ޝަތީލާގައި ހިންގި އަނިޔާވެރިކަމާއި، 2002 ގައި ޖެނިންއަށް ދިން އަނިޔާވެރި ހަމަލާއާއި، 2008 އިން 2021 އަށް ޣައްޒާއަށް ތަކުރާރުދިން ބޮމުގެ ހަމަލާތަލާއި، އަދި 2023 އޮކްޓޯބަރު 7 އިން ފެށިގެން ދެމުންދާ ހަމަލާތަކަކީ މެދުނުކެނޑި ކުރިއަށްދާ އަނިޔާވެރިކަމުގެ ގޮތުގައި ބަޔާންކޮށްފައެވެ. އަދި މިއީ "ބިންތަކަށް ވެރިގަތުން ފުޅާކުރުމާއި، ނަސްލީ ތަފާތުކުރުމާއި، ސަގާފީ ފޮހެލުމުގެ ގަސްދުގައި ކުރާ މަސައްކަތެއް" ކަމަށް އެމީހުން ބުނެއެވެ.
މިއަހަރު އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަކީ ވެސް އިސްރާއީލްގެ ''ބޮޑުދޮގު ފަތުރާ ނިޒާމް'' ބޭނުންކޮށްގެން ދިން ހަމަލާތަކެއްކަމަށް ސިޓީގައި ބުނެފަވެއެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ ބިންތައް ފޭރި، މީހުން ގެދޮރުންނެލައި، ޝަހީދުކުރަމުންދަނީ ޒަމާންވީ ބޮޑެތި ދޮގުތަކުގެ މަތީގައި ދެމިތިބެކަމަށް ވެސް ވަނީ ބުނެފައެވެ.
އދ. ގެ ޖެނެރަލް އެސެމްބްލީގެ ރިޒޮލިއުޝަން 37/43 ގެ ދަށުން ފަލަސްތީނުގެ އޮކިއުޕޭޝަނާ ދެކޮޅަށް ދިފާއުވުމުގެ ހައްޤު ކަށަވަރުކޮށްދިނުމަށް ގޮވާލައި މި ސިޓީގައި ބުނެފައިވަނީ އިންސާފު ލިބޭނީ "ހުރިހާ އަސްލު ރައްޔިތުން، އެއީ މުސްލިމުން، ކްރިސްޓިއަނުން، ނުވަތަ ޔަހޫދީން ކަމުގައިވިޔަސް ހިމެނޭ، އަދި ކޮލޯނިއަލް ބާރުން އާބާދުކުރި މީހުން ނުހިމެނޭ ޑިމޮކްރެޓިކް ވޯޓުލުމަކުން" ކަމަށެވެ.
ޒައިއޮނިޒަމަކީ "އިސްލާހުކުރެވޭނެ އެއްޗެއް ނޫން" ކަމަށާއި އިސްރާއީލު ދައުލަތަކީ "އަސްލުއްސުރެ އެކްސްޕްލޮއިޓްކުރާ، އަނިޔާވެރި، ހަނގުރާމަވެރި އަދި އަނިޔާވެރި" އެއްޗެއްކަމަށް ބުނެ، ސޮއިކުރި ފަރާތްތަކުން ގޮވާލާފައިވަނީ އެއީ ސިޔާސީ އަދި ޤާނޫނީ ވުޖޫދެއްގެ ގޮތުގައި ނައްތާލުމަށެވެ.
އެމީހުން އދ. އަށް ގޮވާލާފައިވަނީ ހަމައެކަނި 2025 ޖޫން-ޖުލައި މަހުގެ އަނިޔާވެރިކަމުގެ އިތުރުން "ސަތޭކަ އަހަރަށްވުރެ ގިނަ ދުވަހު ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކަށް ތާރީޚީ ހިސާބު ބެލުމަށް" "އަވަސް އަދި ސާފު ފިޔަވަޅު" އެޅުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!