ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަމަށް ކެނެޑާއިން ބުނުމާއި ގުޅިގެން އިސްރާއީލުން ހިންގާ ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކެނެޑާއަށް އިންޒާރު ދެއްވައިފިއެވެ.
ކެނެޑާގެ ބޮޑުވަޒީރު މާރކް ކާނީ ސެޕްޓެމްބަރު މަހު އދ ގައި ފަލަސްތީނު ދައުލަތެއް ގޮތުގައި ބަލައިގަންނަން ޕްލޭންކޮށްފައިވާ ކަމަށް ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރަށްވައި ޓްރަމްޕްގެ ޓްރުތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކެނެޑާއާއި މެދު ނުރުހުންވެ ވިޔަފާރީގެ ގޮތުން ދަތިކުރާނެކަމަށް އިންޒާރު ދެއްވާފައެވެ.
މިގޮތުން ޓްރަމްޕް ވަނީ ފަލަސްތީނު ދައުލަތަކަށް ކެނެޑާއިން ދޭ ތާއީދާ ގުޅިގެން ވޮޝިންގްޓަނާއި އޮޓާވާ އާ ދެމެދު ވެވޭ އެއްވެސް ވިޔަފާރީގެ އެއްބަސްވުމެއް "ވަރަށް އުނދަގޫ" ވާނެ ކަމަށް ވިދާޅުވެ، އިންޒާރުދެއްވާފައެވެ.
"ވާވް! ކެނެޑާއިން ދެންމެ އިއުލާންކޮށްފި ފަލަސްތީނުގެ ދައުލަތަކަށް ތާއީދުކުރާ ކަމަށް. އެކަމުގެ ސަބަބުން އަޅުގަނޑުމެންނަށް އެމީހުންނާއެކު ވިޔަފާރީގެ އެއްބަސްވުމެއް ހެދުން ވަރަށް އުނދަގޫވާނެ. އޯ ކެނެޑާ!!!" ޓްރަމްޕް ލިޔުއްވިއެވެ.
ކެނެޑާއިން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަމަށް ވިދާޅުވެ، ކެނެޑާގެ ބޮޑުވަޒީރު ވާހަކަފުޅު ދެއްކެވީ އިޒްރޭލުން ވަކި ޝަރުތުތަކެއް ފުރިހަމަ ނުކޮށްފިނަމަ ސެޕްޓެމްބަރު މަހު ފަލަސްތީނު ދައުލަތެއް ގޮތުގައި ބަލައިގަންނާނެ ކަމަށް ބުނެ ޔޫކޭގެ ބޮޑުވަޒީރު ކީރ ސްޓާމަރ މިދިޔަ ހަފްތާގައި ދެއްކެވި ވާހަކަފުޅުތަކަށް ފަހުގައެވެ.
މިދިޔަ ހަފްތާގައި ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން ވެސް ވަނީ ފްރާންސްއިން ފަލަސްތީނު ދައުލަތެއް ގޮތުގައި ބަލައިގަންނާނެ ކަމަށް ޢިއުލާންކުރަށްވާފައެވެ. މިއީ ޖީ7 ގެ ތެރެއިން އެންމެ ފުރަތަމަ މިކަން ކުރި ގައުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!