ހދ. ކުޅުދުއްފުށީ ސިޓީގެ އެއާޕޯޓް ސަރަޙައްދުގައި ރެސްޓޯރެންޓެއް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދީފައިވާ މުއްދަތު ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިތުރުކޮށްފިއެވެ.

މި ބީލަމަކީ ކުޅުދުއްފުށީ މަށިކުޅީގެ ހުޅަނގު އުތުރު ކަނުން 6000 އަކަފޫޓުގެ ބިމެއް 25 އަހަރުގެ މުއްދަތަށް ކުއްޔަށް ދީގެން ރެސްޓޯރެންޓެއް ހިންގުމަށް ހުޅުވާލާފައިވާ ފުރުޞަތެކެވެ. މި ބީލަމަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ އިޢުލާނު ކޮށްފައިވަނީ 18 އޮކްޓޫބަރު 2026 ގައެވެ.

Ad
rt

ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ މިހާރު 16 ނޮވެމްބަރު 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އެވެ. އަދި އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާއަށެވެ.

މި މަސައްކަތާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މީގެއިތުރުން، މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތްތަކުގެ އަމިއްލަ ޒިންމާއެއް ކަމުގައި ވެސް އެ ކައުންސިލްގެ އިޢުލާނުގައި ވަނީ ބަޔާންކޮށްފައެވެ.

އަންދާސީ ހިސާބު ހުށަހެޅުމުގެ ޝަރުޠުތަކަށް ބަލާއިރު، އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މި ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި އަންދާސީ ހިސާބު ހުށަހަޅަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެންމެ އަންދާސީ ހިސާބެއް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ކުޅުދުއްފުށީ ސިޓީގެ އެއާޕޯޓާއި ވީހާވެސް ކައިރީ ރެސްޓޯރެންޓެއް ހުޅުވިގެން ދިޔުމަކީ އެ އެއާޕޯޓުން ދަތުރުކުރާ މީހުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހަކަމެކެވެ.