ކުޅުދުއްފުށި ސިޓީގެ ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލުމަށްޓަކައި ކޮންސަލްޓޭންސީގެ ޚިދުމަތް ދޭނެ ބަޔަކު ހޯދުމަށް ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.
މި މަސައްކަތައް އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލަމުން ކުޅުދުއްފުށި ސިޓީ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެ ސިޓީގެ ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލުމަށްޓަކައި ކޮންސަލްޓެންސީއެއްގެ ޚިދުމަތް ހޯދަން ބޭނުންވާ ކަމަށާއި، އެހެންކަމުން މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން 10 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުގެ 10:30 ގެ ކުރިން https://forms.office.com/r/ZFVjzzJsaV ފޯމް މެދުވެރިކޮށް ބިޑް ގައި ރަޖިސްޓްރީ ވުމަށް ސިޓީ ކައުންސިލުން އެދިފައިވެއެވެ.
މީގެ އިތުރުން މި މަސައްކަތާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ ގަޑި އަކީ 11 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 10:30 ގައި ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ.
އެގޮތުން އަންދާސީ ހިސާބު ހުށަހެޅުމަށް އަންނަ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީ ހިސާބެއް ކަމަށާއި، އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
މި އިއުލާނުގައި ސިޓީ ކައުންސިލުން އިތުރަށް ބުނެފައިވަނީ، މި މަސައްކަތާއި ބެހޭ ލިޔެކިޔުންތައް ސޮފްޓް ކޮޕީ ފޯމެޓްގައި އިދާރާގެ ވެބްސައިޓް، https://kulhudhuffushicity.gov.mv/procurement ގައި ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި، މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.
މި މަސައްކަތާއި ބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6527177، 6527113 ނުވަތަ 6527192 އަށް ގުޅުމަށް ސިޓީ ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.
ކުޅުދުއްފުށި ސިޓީގެ ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލުމަށްޓަކައި ކޮންސަލްޓޭންސީގެ ޚިދުމަތް ދޭނެ ބަޔަކު ހޯދުމަށް ސިޓީ ކައުންސިލުން އިއުލާންކޮށްފައިވާއިރު، ކުޅުދުއްފުށި ސިޓީގައި ޓޫރިޒަމް އެޑުވައިޒަރީ ބޯޑެއް އެކުލަވާލައި 1 ޖުލައި 2025 ގައި ވަނީ އެ ބޯޑު އިފްތިތާހްކޮށް މަސައްކަތް ފަށާފައެވެ.
އެ ބޯޑު އިފްތިތާހްކޮށްދެއްވުމަށްފަހު ކުޅުދުއްފުށީ ސީޓީގެ މޭޔަރ މުޙައްމަދު އާތިފް ވިދާޅުވެފައި ވަނީ މި ބޯޑު އެކުލަވާލި މައިގަނޑު މަޤުސަދަކީ، ސިޓީ ކައުންސިލުން ހިންގާ މަޝްރޫޢުތަކާއި ހަރަކާތްތަކުގައި މިހާރަށްވުރެވެސް ބޮޑަށް މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ހާއްސަ ކަންކަމުގައި އެ އިދާރާތަކުގެ މަސްލަހަތުވެރިންނާއި، ފަންނީ ފަރާތްތަކާއި އެ ދާއިރާތަކުގެ އިލްމާ ތަޖުރިބާ ހުރި ފަރާތްތަކުގެ ބަސް ސިޔާސަތު ކަނޑައަޅުމުގައި ހޯދުމަށްކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!