މިނިވަން ވިޔަފާރި އާއި ޔޫޕީއައިގެ ހިދުމަތް ފެށުން ހިމެނޭ ގޮތަށް އިންޑިއާއާ އެކު ރާއްޖެއިން މުހިންމު 8 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތައް ބަދަލުކުރެވިފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރައީސް އޮފީހުގައި ބޭއްވުނު ރަސްމީ މަޝްވަރާ ބައްދަލުވުމަށްފަހުއެވެ.

Ad
rt

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބޮޑުވަޒީރު މޯދީގެ ހާޒިރުގައި ބޭއްވުނު ރަސްމިއްޔާތުގައި، އިންޑިއާގެ ފަރާތުން އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު އަދި ރާއްޖޭގެ ފަރާތުން ކަމާގުޅޭ ދާއިރާތަކުގެ މިނިސްޓަރުން ވަނީ އެއްބަސްވުންތަކުގައި ސޮއިކުރައްވާފައެވެ.

މި އެއްބަސްވުންތަކުގެ ތެރޭގައި ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމަށް މަޝްވަރާތައް ފެށުމާ ގުޅޭ އެއްބަސްވުމާއި، 565 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފްރޭމްވޯކް އެއްބަސްވުން ހިމެނެއެވެ. މީގެ އިތުރުން ޑޮލަރ ކްރެޑިޓު ލައިން އެއްބަސްވުމުގައިވެސް ސޮއިކުރެވުނެވެ.

މަސްވެރިކަމާއި އެކުއަކަލްޗަރގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ކޮލިޓީ ބޭސް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމުގައިވެސް ސޮއިކުރެވުނެވެ. އަދި މޫސުމާބެހޭ ޢިލްމާއި، ޖައްވުގެ ޢިލްމާއި، ތިމާވެށި މޮނިޓަރކުރުމުގެ ދާއިރާއިން އޮނިގަނޑެއް ޤާއިމުކުރުމާ ބެހޭ އެއްބަސްވުމެއްގައިވެސް ސޮއިކުރެވުނެވެ.

ޑިޖިޓަލް ދާއިރާއިން ގުޅުން ބަދަހިކުރުމާގުޅޭ އެއްބަސްވުމާއި، ކްރޮސް ބޯޑަރ ރެމިޓެންސް އެއްބަސްވުމަކީވެސް މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ މުހިއްމު އެއްބަސްވުންތަކެކެވެ.

މި އެއްބަސްވުންތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ދާއިރާތަކާ ގުޅުންހުރި ވަޒީރުންނެވެ. މިގޮތުން އިޤްތިޞާދީ ވަޒީރު މުހައްމަދު ސަޢީދު، މާލީ ވަޒީރު މޫސާ ޒަމީރު، މަސްވެރިކަމާބެހޭ ވަޒީރު އަޙުމަދު ޝިޔާމް، ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް، ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން އަދި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ހިމެނިވަޑައިގަންނަވައެވެ.

މި އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އެކި ދާއިރާތަކުން ރާއްޖެއަށް ލިބޭ އެހީތެރިކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

ރާއްޖޭގެ މިނިވަން ކަމަށާއި އިންޑިއާ އާއި ރާއްޖޭގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ މި ދަތުރުފުޅުގައި، ބޮޑުވަޒީރު މޯދީއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނާއި މާލެއިން ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ.

މި ދަތުރުފުޅުގައި، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގައި އިމާރާތްކޮށްފައިވާ ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް ހުޅުއްވައިދެއްވުމާއި، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން ޖުމްހޫރީ މައިދާނުގައި ބޭއްވޭ ކުޅިވަރުގެ ހަރަކާތްތަކުގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުން ހިމެނެއެވެ.

މިއީ ބޮޑުވަޒީރު މޯދީ ތިންވަނަ ދައުރަށް އިންތިޚާބުވުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދެ ދުވަހުގެ ދަތުރުފުޅުގައި އިންޑިއާގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.