ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސޭލްސް ސެންޓަރެއް އެޅުމަށް ބޭނުންވާ ބިން ހަވާލުކޮށްފިއެވެ.
އެމްއައިބީގެ ސާވިސް ސެންޓަރ އެޅުމަށް ހަނިމާދޫއިން ބިން ދޫކޮށްފައި ވަނީ 50 އަހަރު ދުވަހުގެ މުއްދަތަށެވެ. އެއްބަސްވުމުގައި ސޮއިކޮށް މި މަހުގެ އެއްވަނަ ދުވަހު އެމްއައިބީއަށް ވަނީ ބިން ހަވާލުކޮށްފައެވެ.
ހަނިމާދޫގައި އެމްއައިބީން އަޅާ ސާވިސް ސެންޓަރާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ހިއްސާކުރަމުން ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގު މުހައްމަދު ބުނީ އެމްއައިބީން ހަނިމާދޫގައި ގާއިމްކުރާ ސާވިސް ސެންޓަރުގައި އޭޓީއެމްގެ ހިދުމަތާއި އަދި އިތުރު ހިދުމަތްތަކެއް ވެސް ގާއިމްވެގެންދާނެ ކަމަށެވެ
ފިރާގު ބުނީ އެމްއައިބީގެ ސާވިސް ސެންޓަރ ގާއިމް ކުރުމަށް ބިން ދޫކޮށްފައި ވަނީ ބަނދަރު ސަރަހައްދުން ކަމަށެވެ. ފިރާގު އިތުރަށް ބުނީ ހަނިމާދޫގައި ގާއިމްކުރެވިގެންދާ އެމްއައިބީގެ ސާވިސް ސެންޓަރުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އެމްއައިބީގެ އޭޓީއެމްއެއް ހަނިމާދޫގައި ގާއިމް ކުރުމާއި ގުޅޭގޮތުން އެ ބޭންކާއިއެކު ހަނިމާދޫ ކައުންސިލުން މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.
ހަނިމާދޫގައި ބޭންކެއްގެ ބްރާންޗެއް ގާއިމްކުރަން ބޭނުންވާ ބޭންކަކަށް 3000 އަކަފޫޓުގެ ބިމެއް 50 އަހަރު ދުވަހުގެ މުއްދަތަށް ހިލޭ ދޫކުރުމަށް އެ ކައުންސިލުން ނިންމާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވި އެ ކައުންސިލްގެ 166 ވަނަ އާންމު ބައްދަލުވުމުގައި 5 ކައުންސިލަރުންގެ އިއްތިފާގުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!