އިޒްރޭލުގެ އާބާދީތަކުން އުފައްދާ މުދާ އެތެރެކުރުން މަނާކުރާ ޤާނޫނެއް ފާސްކުރި ފުރަތަމަ ޔޫރަޕިއަން ޤައުމަކަށް އަޔަލޭންޑް ވެއްޖެ އެވެ.

އަޔަލޭންޑް ސަރުކާރުން އިޒްރޭލުގެ ޤާނޫނީ ނޫން އާބާދީތަކުން އެތެރެކުރާ މުދާ މަނާކުރުމުގެ ޤާނޫނެއް ފާސްކުރުމަށް ނިންމާފައިމިވަނީ، ހައްދުފަހަނަ އެޅި އިޒްރޭލާއި ދެކޮޅަށް ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން އަދާކުރަންޖެހޭ ޒިންމާއެއް އަދާކުރަން ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

Ad
rt

މި ޤާނޫނުގެ އާންމު އޮނިގަނޑު ވަނީ މިމަހުގެ 25 ވަނަ ދުވަހު އަޔަލޭންޑްގެ ޑެޕިއުޓީ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ސައިމަން ހެރިސް ހުށަހަޅުއްވާފައެވެ. މި ޤާނޫނަކީ 2024 ވަނަ އަހަރުގެ ޖުލައި 19 ވަނަ ދުވަހު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ނެރުނު ލަފާދޭ ރައުޔަށް ފަހު ސަރުކާރުން ވީ ވައުދެއް ފުއްދުމުގެ ގޮތުން ގެނެވުނު ޤާނޫނެކެވެ.

މި ޤާނޫނުގެ ދަށުން އިޒްރޭލުގެ އާބާދީތަކުން އުފައްދާ ކަދުރު، ފޭރު، ޒައިތޫނި، ލަކުޑި އަދި ކޮސްމެޓިކްސް ފަދަ ތަކެތި އެތެރެކުރުން މަނާވާނެއެވެ. ނަމަވެސް އެ ސަރަޙައްދުގައި ހުންނަ ފަލަސްތީނުގެ ކުންފުނިތަކުން އުފައްދާ ތަކެތި، މިސާލަކަށް ޒައިތޫނު ތެޔޮ ފަދަ ތަކެތި މި މަނާކުރުމުގެ ތެރެއަކު ނުހިމެނޭނެއެވެ.

މި ޤާނޫނުގެ ނަމަކީ "އިޒްރޭލީ ސެޓްލްމަންޓްސް ޕްރޮހިބިޝަން އޮފް އިމްޕޯޓޭޝަން އޮފް ގުޑްސް ބިލް 2025" އެވެ. މި ޤާނޫނުގެ ދަށުން އިޒްރޭލުގެ އާބާދީތަކުން މުދާ އެތެރެކުރަން މަސައްކަތްކުރާ ފަރާތްތައް ހޯދައި، ބަލައި ފާސްކޮށް އަދި ހައްޔަރުކުރުމުގެ ބާރު ސަރުކާރަށް ލިބިގެންދާނެއެވެ.

މި ޤާނޫނާއެކު އަޔަލޭންޑަކީ އިޒްރޭލުގެ އާބާދީތަކުން އެތެރެކުރާ މުދަލާމެދު ފިޔަވަޅު އެޅުމުގައި ޔޫރަޕްގެ އިސް ޤައުމަކަށް ވެގެން ދިޔައެވެ. މީގެ ކުރިން ޔޫރަޕިއަން ޔޫނިއަނުން ވަނީ އިޒްރޭލުގެ އާބާދީތަކުން އުފައްދާ ތަކެތީގައި ލޭބަލް ޖެހުމުގެ ޝަރުތުތަކެއް ކަނޑައަޅާފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް މެމްބަރު ޤައުމަކުން މުޅިން އެތެރެކުރުން މަނާކުރުމުގެ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.