ހުޅުމާލޭގައި ދެ ސައިކަލާއި ކާރެއް ޖެހި އެކްސިޑެންޓެއް ވުމުން މަޑުނުކޮށް ފިލައިގެންދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. މަޑުއްވަރި / ކޮކްނެޓްވިލާ، އާދަމް ޖަނާން މުޙައްމަދު (26އ) އެވެ. އޭނާއަކީ އެކްސިޑެންޓުގައި ހިމެނުނު ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވި ފަރާތެވެ.
ފުލުހުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި އެކްސިޑެންޓު ހިނގާފައިވަނީ ޖޫން 23 ވަނަ ދުވަހުގެ ހަވީރު، ހުޅުމާލެ ރީތިގަސް މަގާއި ކަށިމާ ހިނގުން ގުޅޭ ހިސާބުގައެވެ. އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އަނެއް ސައިކަލު ދުއްވި 38 އަހަރުގެ ދިވެހި ފިރިހެނާއަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ފައި ތިން ތަނަކުން ބިންދައިގެން ގޮސްފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ. މި ވަގުތު އޭނާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
އެކްސިޑެންޓުގައި ހިމެނުނު ތިން އުޅަނދު ދުއްވި ފަރާތްތަކަކީވެސް އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ފަރާތްތަކެއް ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ޖޫން 26 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އާދަމް ޖަނާން މުޙައްމަދު ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަތް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!