އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން މިހާތަނަށް 56,000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، 131،848 މީހުން ވަނީ ޒަޚަމްވެފައިވެއެވެ.
13 ޖޫން 2025 ގައި އީރާނާއި ދެކޮޅަށް އިސްރާއީލުގެ ޖައްބާރުން ފެށި ހަމަލާތައް 12 ދުވަހަށްފަހު އިއްޔެ ހުއްޓާލައި ސުލްހަވެފައިވާއިރު، މި ހަމަލާތައް ހުއްޓުވުމަށް އެ ހަމަލާތައް ރޭވުމުގެ ފަހަތުގައި އޮތް އެމެރިކާއާއި ހުޅަނގުގެ ޤައުމުތައް އިސް ދައުރެއް އަދާކުރިތަން ވަނީ ފެނިފައެވެ. ހަމައެހެންމެ އަރަބި އިސްލާމީ ޤައުމުތަކުން ވެސް އެކަމުގައި އުޅުނެވެ. މިހާތަނަށް އާންމުވެފައިވާ މައުލޫމާތަށްބަލާއިރު، އީރާނުން ދިފާއީ ހަމަލާތައް ހުއްޓާލަން އެއްބަސްވީ އިސްލާމީ ޤައުމެއްކަމަށްވާ ގަތަރުން ކުރި މަސައްކަތުންނެވެ.
އީރާނަށް އިސްރާއީލުން ހަމަލާދިނީ ނިއުކްލިއަރ ޕްރޮގްރާމް ފުނޑާލަންކަމަށް ބުނެއެވެ. ނަމަވެސް އެކަމުގެ ފަހަތުގައި އޮތް އެންމެ ބޮޑު ސިއްރަކީ އީރާނަކީ ފަލަސްތީނާއި ޣައްޒާގެ ހައްގުގައި އެކި ގޮތްގޮތުން އެހީވަމުން އަންނަ އެންމެ ބޮޑު އިސްލާމީ ޤައުމުކަމަށްވުމެވެ. ޣައްޒާގެ ހިމާޔަތުގައި މަސައްކަތްކުރާ ޔަމަންގެ ހޫތީންނާއި، ލުބްނާންގެ ހިޒުބުﷲ އަށް ވެސް ވާގިވެރިވަނީ އީރާންކަމަށް އިސްރާއީލާއި އެމެރިކާ އަދި ހުޅަނގުން ގަބޫލުކުރެއެވެ. އީރާން ބަލިކަށިކޮށްލަން އެމީހުން ބޭނުންވާ މައިގަނޑު ސަބަބަކީ ވެސް އެޔެވެ.
އެމެރިކާއާއި ހުޅަނގާއި އިސްރާއީލްގެ ބައިވެރިންގެ މިހާރުގެ އަމާޒަކީ ޣައްޒާ ހުސްކޮށް، ކުރިން ފަލަސްތީނުގެ ބިންތައް ފޭރުނުގޮތަށް އެތަނުގައި ވެސް އިސްރާއީލުން ހަންފެތުރުމެވެ. އެ ޕްލޭން ކުރިއަށް ގެންދަން އެކަމުގައި ހުރި ހުރަސްތައް ނައްތާލުމަށް އެ މީހުން އަންނަނީ ނުބައި ރޭވުންތައް ރާވަމުންނެވެ. ލުބްނާނަށް ދިން ހަމަލާތަކަކީ އޭގެ ބަޔެކެވެ. ޔަމަނަށް ވެސް ވަނީ ހަމަލާތައް ދީފައެވެ. އީރާން ފަނާކޮށްލެވޭތޯ ވެސް އުޅުނީ އެހެންވެއެވެ. އެހެންނަމަވެސް އީރާނުން ވަނީ ދުޝްމަނުންގެ ކުރިމަތީ ކުޑަކަކޫ ނުޖަހައި ކާމިޔާބު ހޯދާފައެވެ. ގިނަކަންޏާ ދުނިޔޭގެ ބާރުތައް ފަހަތަށް ޖައްސުވައި އަމާނަށް އެދެންދެން ހިތްވަރުކޮށްފައެވެ.
އިސްރާއީލާއި އީރާންގެ ހަނގުރާމަ ހިނގަމުންދިޔައިރު އިސްރާއީލުން ވަނީ ޣައްޒާގައި ހިންގާ ލާއިންސާނީ އަމަލުތައް އިތުރުކޮށްފައެވެ. ޣައްޒާގެ ޞިއްޙީ އިދާރާތަކުން ހާމަކުރި ގޮތުގައި، އިސްރާއީލާއި އީރާނާ ދެމެދު ހިނގި ހަނގުރާމައިގެ ތެރޭގައި އިސްރާއީލީ ބާރުތަކުން މަދުވެގެން 870 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްފައިވެއެވެ. އޭގެ ތެރޭގައި ގިނައީ އެހީގެ މަރުކަޒުތަކަށް ކާނެ އެއްޗެއް ހޯދަން ގޮސްތިއްބާ ހަމަލާދީ ޝަހީދުކޮށްލާފައިވާ މީހުންނެވެ. ފަލަސްތީނުގެ ރައްޔިތުންގެ ފުރާނައަކީ އިސްރާއީލްގެ ކުރިމަތީ އެއްވެސް އަގެއް ހުރިއެއްޗަކަށް ނަހަދައެވެ. ފަލަސްތީނު މީހުން ޝަހީދުކުރުމަކީ އިސްރާއީލީން މުނިފޫހި ފިލުވުމަކަށް ކުރާކަމަކަށް ވެސް ވަނީ ހަދާފައެވެ. އެކަމަކު އިސްރާއީލް ހުއްޓުވާނެ ބާރެއްނެތެވެ. އެއީ އިންސާނިއްޔަތާއި ޚިލާފްކަމެއްކަމަށް ބުނުން ފިޔަވާ މާބޮޑު ކަމެއް ނުކުރެވެއެވެ.
އިސްރާއީލާއި އީރާނާ ދެމެދު ހިނގި ހަނގުރާމަ ނިމުމަކަށް އަންނަމުންދާއިރު، ޣައްޒާގެ ރައްޔިތުންގެ އާދޭހަކަށް ވެސް ވެފައި ވަނީ އެމީހުންނަށް ސަލާމަތްތެރިކަން ހޯދައިދިނުމަށެވެ. އެމީހުންނަށް ވެސް އެހީވުމަށެވެ. ކޮންމެ ދުވަހަކު މައިންނާއި ބަފައިންނާއި، ފިރިންނާއި އަނބިންނާއި ޅަދަރީން ޝަހީދުކުރަމުންދާއިރު މިއީ ޣައްޒާގެ ދުވަސްވީ ވޭނީ އާދޭހެކެވެ.
އީރާން، އިސްރާއީލް ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަަމައު އަދާކުރި ދައުރު އެމީހުން ދުއްޓެވެ. އިސްރާއީލުން ދަނީ ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގަމުންކަން މިއަދު ދުނިޔެ އެއްބަސްވެއެވެ. ފަލަސްތީނުގެ ރައްޔިތުން މިއަދުވެސް ރޮވުން އާދޭސް ކުރަމުންދަނީ އެމީހުންނާމެދު ރަހްމުކޮށް، ސަލާމަތްތެރިކަން ހޯދައިދިނުމަށެވެ. އެމީހުން ދިރިތިބުމަށް ވަނީ ދަތިކޮށްފައެވެ. ކާނޭ އެއްޗެއް ލިބުނަނުދީ ވަނީ ބަނޑަށް ޖައްސާފައެވެ. ގެދޮރު އަތުލައި ވަނީ މަގުމަތިކޮށްފައެވެ. ގެދޮރު ސުންނާފަތިކޮށް މުޅި ހަޔާތް ވަނީ ބަރުބާދުކޮށްފައެވެ. ދުޢާއަކީ އެ ރައްޔިތުންގެ އުދާސްތަކަށް ތަސައްލީއެއް ލިބުމެވެ. ހެޔޮގޮތް މިންވަރުކުރެއްވުމެވެ. ސަލާމަތްތެރިކަންލިބި މިނިވަންކަން ލިބޭނެ ދުވަހަކަށް އަލިވިލުމެވެ. ހެޔޮ ދުޢާތައް ވަނީ ފަލަސްތީނާއެކުއެވެ!
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!