އަހަރަކީ 1346ހ. އެވެ. ހިޖުރީ ގޮތުން މީގެ 100 އަހަރު ކުރިއެވެ. މި ވާހަކައިގެ މަސްދަރަކީ ޞަލާޙުއްދީން ލިޔުއްވި "ދިވެހީންގެ ސަފަރުނާމައޭ ޙިޖާޒު" އެވެ. އަދި ބޮޑުބަނޑޭރިގެއިން ތިލަދުންމަތީ އަތޮޅުގެއަަށް 16 ރަބީޢުލްއައްވަލު 1347 ގައި ފޮނުއްވި ސިޓީއާއި، ރައީސްގެ ޢާއިލާގެ ބައެއް ބޭފުޅުން އަަޅުގަނޑަށް ދެއްވާފައިވާ މައުލޫމާތެވެ.
ޞަލާޙުއްދީން ލިޔުއްވާ ގޮތުގައި، "މާލެއިން ޙައްޖަށްދާން އަމުރުފުޅު ލިބުނީމާ، ޙައްޖަށް އަންނާން ރާއްޖޭގެ ތެރެއިން އުޅެގަތް މީހުން ގިނަކަމުން އެކަކު އެކަނީން މިއެންމެނާއިގެން ދިއުން ރަގަޅުނޫންކަމަށް ދަންނަވައިގެން، ޙައްޖަށް އަންނާންތިބި ބަޔަކު މާލެޔަށް ޖަމާވީމާ، އެބަޔަކާއިގެން އަންނާން ދެވަނަ ލަންބަރުގެ ވެރިޔަކުކަމުގައި މަލިންކަލޭގެފާނުން ވަނީ ލައްވާފައެވެ". ފުރަތަމަ ލަންބަރުގެ ވެރިޔަކީ ޞަލާޙުއްދީނެވެ.
ތަނަކީ، ދިވެހިރާއްޖޭގެ ތިލަދުންމަތީގެ ވަށަފަރު އަތިރިމައްޗެވެ. ޙައްޖަށް ގަސްދުކޮށްގެން މާލެދާން ބައްތެއްޔަށް އެ އަރަނީ ވަށަފަރު ޙުސައިން ޚަތީބު ތަކުރުފާނެވެ.
ދުވަހަކީ، 1346 ވަނަ އަހަރުގެ ޝަޢުބާން މަހުން 17 ވަނަ ދުވަހެވެ. ތަނަކީ، އޮަޅުދޫކަރައިގެ ކޮޅުނބެވެ. މަލިންކަލޭގެފާނުންގެ ޖަމާޢަތުގެ މީހުން ސަރުކާރުގެ ބޯޓުގައި މާލޭން ފުރައިގެން ގޮސް ކޮޅުނބަށް ފޭބީ މި ދުވަހުއެވެ. މަލިންކަލޭގެފާނު ހިމެނޭ ހެން މި ޖަމާޢަތުގައި ވަނީ ޙައްޖު ގަސްދުކޮށްގެން ދަތުރުކުރާ 30 މީހުންނެވެ. މީގެތެރޭގައި ތިލަދުންމަތީ ވަށަފަރު ޙުސައިން ޚަޠީބު ތަކުރުފާނު ވެއެވެ. މި ޖަމާޢަތުގެ މީހުން ޚަރަދުދީގެން ކައްކުވާން ގެނައީ ތިލަދުންމަތީ ހުވަރަފުށީ އަޙްމަދުބެއާއި ތިލަދުންމަތީ ނޮޅިވަރަންފަރު ޙަސަނެވެ. މަލިންކަލޭގެފާނުން ފޮނުއްވިފައި ވަނީ ޙައްޖާޖީންގެ ދެ ޖަމާޢަތުގެ އެންމެންގެ މަތީން ދޮޅުހާސް ރުފިޔާ އެކަލޭގެފާނުގެ ޚަރަދު ކަމަށް ދީގެންނެވެ.
މަލިންކަލޭގެފާނުންގެ ޖަމާޢަތުގެ މީހުން އައިސް ސޯޅިޔާ ގަލީގައި މިބައިމީހުންނަށް ހިފެވިފައި ހުރި ގެޔަށް ފައިބައިފިއެވެ. މި ޖަމާޢަތުގެ މީހުންކުރެ އަތްކަނޑާންވީ ބަޔަކު އަތްކެނޑުމަށް ފަހު، ޕާސްޕޯޓު ލިބިގެން، ދެން މި ބައިމީހުން ފުރާނީ ސުވޭހަށެވެ. އަތްކެނޑުމަކީ، ކަށިވިދުރިން ރައްކާތެރިވުމަށް އަތުގެ މުލައްދަނޑިން ނުވަތަ އަތްދަނޑިން ދެތިން ތަނަކުން ލޭ ފެންނަވަރަށް ހަން ދުއްވައިލައި އެތާނގައި އެކަމަށް ޚާއްޞަ ކުރެވިފައިވާ ވެކުސިން ދިޔަ ޖެއްސުމެވެ. މި ޖަމާޢަތުގެ މީހުނަށް މިޞްރަށް އާދެވުނީ ރަމަޟާން މަހުގެ 21 ވަނަ ދުވަހުއެވެ. މިބައިމީހުން ކުޑައީދު ގައި ވެސް ތިބީ މިޞްރުގައެވެ. އެއަށް ފަހު ޙިޖާޒަށް ދާން ދަތުރަށް އެރިއެވެ.
ޞަލާޙުއްދީން ލިޔުއްވާ ގޮތުގައި، "ޙައްޖުމަހު 5 މިރޭ އިސާވަގުތުގައި ކާންތިއްބައި، މީހަކު އައިސް ސަލާމް ގޮވައިލީމާ ބަލައިލިއިރު މިހިރީ ޝައިޚުލްޙައްޖާޖީން މަލިމްކަލޭގެފާނެވެ".
ޙައްޖު މަހުގެ 5 ވީ ހުކުރުދުވަހު ހެނދުނު ދިވެހި ޙައްޖާޖީންގެ އެންމެން ގެފުޅަށް ވަނެވެ. އަދި އެބައިމީހުން އެންމެން ހުކުރަށް ވެސް ދިޔައެވެ. އަދި ޙައްޖުމަހުގެ 8 ވީ ހޯމަދުވަހުގެ ހެނދުނު ދިވެހި ޙައްޖާޖީން ޢަރަފާތަށް ގޮސް މައްދާޙުގެ ބޮޑު ފޭލިގެޔަށް ފޭބިއެވެ. މި ދުވަހު އިރުމަތި ފަރާތުން ވިއްސާރަގަނޑެއް ނަގައި، ގުގުރައި، ވައި އައިސްފައި، ކުޑަކޮށް ހިމަފޮދު ވާރޭ ވެހުނެވެ. އަދި ޙައްޖުދުވަހުގެ މެންދުރުންއަނބުރައި 2 ޖެހިތަނާ، ހަމަ އިރުމަތި ފަރާތުން ވިއްސާރަ ނަގައި، ވަރަށް ބާރަށް ގުގުރައިފައި އަންނާން ފެއްޓި ވައިގަނޑެއްގެ ބާރުކަމުން ގިނަ ފޭލިގެތަކެއް ވެއްޓި، ވެލިތަކާއި ހިރަފުސްތައް ބުރުވައި، ވަރަށް ކާރުބާރު ބޮޑުވިއެވެ. ޞަލާޙުއްދީން ވިދާޅުވާ ގޮތުގައި، "އަޅުގަޑުމެން ވެސް ތިބީ ފޭލިގޭގެ މުޑިތަކުގައި ހިފަހައްޓައިގެންނެވެ. މިފޭލިގެއެއް ނުވެއްޓެއެވެ".

ޙައްޖުގެ އަަޅުކަންތައް ފުރިހަމަކުރުމަށް ފަހު ދިވެހި ޙައްޖާޖީން ރާއްޖެ ދިޔުމަށް ގަސްދުކޮށްގެން ދަތުރަށް ފުރައިފިއެވެ. ޙައްޖުދުވަހުގެ ކުރިންނާއި ފަހުން ވެސް ދިވެހި ޙައްޖާޖީންގެ ތެރެއިން މީހުން މި ފަނާފަނިވި ދުނިޔެއާ އަލްވިދާ ކިޔަމުން ދެއެވެ. ނިޔާވި ޖުމުލަ އަކީ 9 ކެވެ.
ޞަލާޙުއްދީން ލިޔުއްވާފައިވާ ގޮތުގައި، 1 ޞަފަރު 1347 ވީ ބުދަ ދުވަހުގައި ސުވޭހުން ކޮޅުނބަށްދާން ފުރިއިރުވެސް ވަށަފަރު ކަތީބު ބައްޔެވެ. އިޓަލީވިލާތުގެ ކުންފުންޏެއްގެ ބޯޓެއް ކަމުގައިވާ "ސުމާޓަރާ" ބޯޓުން މަލިންކަލޭގެފާނުމެން ކަރާޗީން ފުރައިފިއެވެ.
މިހާރު "ސުމާޓަރާ" ބޯޓު ވަނީ ކަރާޗީއާއި ބުންބާޔާ ދެމެދުގައެވެ. ތާރީޚަކީ 14 ޞަފަރު 1347 ވީ ބުދަ ދުވަހެވެ. ވަށަފަރު ޙުސައިން ޚަޠީބު ތަކުރުފާނު (ރަޙިމަހު ﷲ) ކަރާޗީއާއި ބުންބާޔާ ދެމެދުގައި ނިޔާވެ ކަނޑުގައި ބަހައްޓައިފިއެވެ. ބޮޑުބަނޑޭރިގެއިން ތިލަދުންމަތީ އަތޮޅުވެރިންނަށް ސިޓީއަކުން މި ޚަބަރު ފޮނުއްވީ 16 ރަބީޢުލްއައްވަލު 1347 ގައެވެ. ވަށަފަރު ޚަތީބު ތަކުރުފާނުގެ މުދަލާ ހަވާލުވީ ތިލަދުންމަތީ ދިއްދޫ ދޮން ޢަލީ ޙާޖީއެވެ.
އަދުގެ ރައީސުލްޖުމްހޫރިއްޔާ އަކީ ތިލަދުންމަތީ ވަށަފަރު އަލްޙާއްޖަ ޙުސައިން ޚަޠީބު ތަކުރުފާނުންގެ ފުތް ވަށަފަރު ތަކުރުފާނު ޢަބްދުއްރަޙްމާނުގެ ފުތް ފަޟީލަތުއް ޝައިޚް ޙުސައިން ޢަބްދުއްރަޙްމާނުގެ ފުތް ޑރ. މުޙައްމަދު މުޢިއްޒު އެވެ. ދުޢާ އަކީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި އެންމެހައި ދިވެހި ޙައްޖާޖީންނަށް މަބްރޫރު ޙައްޖެއް މިންވަރުކުރައްވައި، ނިޔާމަ ދަތުރުފުޅެއް މިންވަރުކުރެއްވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!