ކުޅުދުއްފުށި ސިޓީގައި ކަރަންޓުގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން ސިޓީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ފެނަކައިން އިންކާރުކޮށްފައިވާތީ، އެ ކުންފުންޏާ ދެކޮޅަށް ޝަރީޢަތަށް މައްސަލަ ހުށަހެޅުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 206 ވަނަ އާންމު ޖަލްސާގައެވެ.

Ad
rt

މި ނިންމުމާއި ގުޅިގެން ކުޅުދުއްފުުށީ ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، ކުޅުދުއްފުށީ ސިޓީގައި ކަރަންޓުގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން ކައުންސިލާއެކު އެއްބަސްވުމަކަށް އައުމަށް ފެނަކައިން އިންކާރުކޮށްފައިވާކަމަށެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ، ކައުންސިލުން ފެނަކައަށް އެކި ފަހަރުމަތިން ސިޓީ ފޮނުވައި އެއްބަސްވުމަކަށް އައުމަށް އެދުނު ނަމަވެސް، ފެނަކައިގެ ފަރާތުން އެކަމަށް އެއްބާރުލުމެއް ލިބިފައި ނުވާކަމަށެވެ. އަދި އެ ފަދަ އެއްބަސްވުމަކަށް އައުމަށް ފެނަކައިން ލިޔުމުން އިންކާރުކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ހާމަކޮށްފައިވެއެވެ. އެގޮތުން ކައުންސިލުން ވަނީ 2024 ވަނަ އަހަރު ޖޫން މަހުގެ 3 ވަނަ ދުވަހު ފެނަކައަށް ސިޓީއެއް ފޮނުވައި، ކައުންސިލަަކީ ވަކީ ޤާނޫނީ ޝަޚްސެއްކަމާއި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ކައުންސިލްގެ ޒިންމާއެއް ކަމަށާއި ލާމަރުކަޒީ ޤާނޫނުން ލާޒިމުކުރާ އެއްބަސްވުން އެކުލަވާލުމަށް ބޭނުންވާކަމަށް ބުނެ ހުށަހަޅާފައެވެ.

ހަމަ އެއަހަރުގެ ޖޫން މަހު ފެނަކައިން ސިޓީ ކައުންސިލަށް ސިޓީއެއް ފޮނުވައި ބުނެފައިވަނީ، ތިން ވަނަ ފަރާތަކުން ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތްދޭނަމަ ކައުންސިލާއެކު އެއްބަސްވުމެއް ހެދުމަށް ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް ފެނަކައާއި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ކުންފުންޏަކަށް ވާތީ، ތިންވަނަ ފަރާތެއްގެ ގޮތުގައި ފެނަކަ ނުބެލެވޭނެކަމަށެވެ. އެހެންނަމަވެސް، މި މައްސަލައިގައި ކައުންސިލުން 9 ޖުލައި 2024 ގައި ސިޓީ ކައުންސިލުން ފެނަކައަށް ސިޓީއެއް ފޮނުވައި ލާމަރުކަޒީ ޤާނޫނުގައި ބަަޔާންކުރާ ތިންވަނަ ފަރާތެއްގެ ގޮތުގައި ފެނަކަ ވެސް ހިމެނޭނެ ކަމަށާއި އެހެން ކައުންސިލްތަކާއެކު އެއްބަސްވުން ހެދިފައިނުވުމަކީ ސިޓީ ކައުންސިލާއެކު އެއްބަސްވުން ނުހެދޭނެ ސަބަބެއް ނޫންކަމުގައި ބުނެފައެވެ.

އެހެންކަމުން، ކުޅުދުއްފުށީ ސިޓީގެ ކަރަންޓުގެ ޚިދުމަތާއި ގުޅިގެން ސިޓީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކުރަން ފެނަކައިން އިންކާރުކޮށްފައިވާތީ، ރައްޔިތުންގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަން އެއްބަސްވުމުގައި ހިމެނުމަށްޓަކައި، ލާމަރުކަޒީ ޤާނޫނުގެ ދަށުން އެ ކުންފުންޏާއި ދެކޮޅަށް ޝަރީއަތަށް މައްސަލަ ހުޅަހެޅުމަށް ކައުންސިލުން ނިންމީކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑަކީ 18 ޖޫން 2012 ގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދާފައިވާ ދައުލަތުގެ ޔުޓިލިޓީ ކުންފުންޏެކެވެ. މިއީ ކުންފުންޏާބެހޭ ޤާނޫނު 10/96 ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ 100% ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. ފެނަކަ އުފެދުނީ ކުރިން ހިންގަމުން އައި 6 ސަރަޙައްދީ ޔުޓިލިޓީ ކުންފުނި އެއްކޮށް، އެތަންތަނުގެ އެސެޓްތަކާއި މުވައްޒަފުން އައު ކުންފުންޏަށް ބަދަލުކޮށްގެންނެވެ.

ފެނަކަ ކޯޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގެ މުޖުތަމަޢުތަކަށް އަސާސީ ޔުޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. މި ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:

ކަރަންޓު: ރައްކާތެރި އަދި އިތުބާރުހުރި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުން. ފެނަކައިން ޚިދުމަތްދޭ ހުރިހާ ރަށަކަށް 24 ގަޑިއިރު ކަރަންޓު ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދެއެވެ. އަދި ޑީސަލްއަށް ބަރޯސާވާ މިންވަރު މަދުކޮށް، ޤައުމުގެ ނެޓްޒީރޯ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި އިއާދަކުރަނިވި ހަކަތަ، ޚާއްޞަކޮށް އިރުގެ ހަކަތަ ބޭނުންކުރުމަށް އިސްކަންދެމުންދެއެވެ.

ފެން: ޑީސެލިނޭޝަން އަދި ވާރޭފެން ސާފުކުރާ ނިޒާމުތައް މެދުވެރިކޮށް ރައްކާތެރި އަދި ސާފު ބޯފެން ފޯރުކޮށްދިނުން. ނަރުދަމާ: ރަށްރަށުގެ މުޖުތަމަޢުތަކަށް ނަރުދަމާގެ ނިޒާމު ޤާއިމުކޮށް ބެލެހެއްޓުން.

ކުނި މެނޭޖްކުރުން: ތިމާވެއްޓާ ރައްޓެހި ކުނި މެނޭޖްކުރުމުގެ ނިޒާމުތައް ޤާއިމުކުރުން (އެންމެ ފަހުގެ މަޢުލޫމާތުތަކުގައި މައިގަނޑު އިސްކަމެއް ދެވިފައިވަނީ ކަރަންޓު، ފެން އަދި ނަރުދަމާގެ ޚިދުމަތްތަކަށް).

އައިސް ފޯރުކޮށްދިނުން: 2022 އިން ފެށިގެން، މަސްވެރިންނަށް އަތްފޯރާ އަގެއްގައި އައިސް ފޯރުކޮށްދިނުމަށް ފެނަކައަށް ވަނީ ޒިންމާ ހަވާލުކުރެވިފައެވެ. އަދި މިކަމަށްޓަކައި ގިނަ އައިސްޕްލާންޓްތަކެއް ވަނީ ހޯދާފައެވެ. ފެނަކަ ކޯޕަރޭޝަންގެ އަމާޒަކީ ޤައުމީ ފެންވަރުގައި ނަމޫނާ ޔުޓިލިޓީ ޚިދުމަތްދޭ ފަރާތަކަށްވުމެވެ.

އެ ކުންފުންފުނީގެ އަމާޒަކީ މަތީ މިންގަނޑުތަކާއި، ޒަމާނީ ޓެކްނޮލޮޖީ އަދި ފަންނީ ހުނަރުވެރިކަން ބޭނުންކޮށްގެން، އެކުވެފައިވާ، ދެމެހެއްޓެނިވި، އިތުބާރުހުރި އަދި ތިމާވެއްޓާ ރައްޓެހި ޚިދުމަތްތަކެއް ފޯރުކޮށްދީ، ސްޓޭކްހޯލްޑަރުންގެ ހިތްހަމަޖެހުން ހޯދުމެވެ. މި ކުންފުނިން ރާއްޖޭގެ އެކި އަތޮޅުތަކުގައި ހިމެނޭ 150 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށްރަށަށް ޚިދުމަތް ފޯރުކޮށްދެއެވެ.