ޔުކްރެއިންގެ އެނަރޖީ އިންފްރާސްޓްރަކްޗަރަށް ހަމަލާތައް ދިނުން 30 ދުވަހުގެ މުއްދަތަށް މެދުކަނޑާލަން ރަޝިޔާގެ ރައީސް ވްލަޑިމީރ ޕުޓިން އެއްބަސްވެއްޖެއެވެ.
ރަޝިޔާގެ ރައީސް ޕުޓިން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ދެމެދު ގަޑިއެއްހާއިރަށް ދިގުދެމިގެން ދިޔަ ފޯނު މަޝްވަރާއަކަށްފަހު، ޔުކްރެއިންގެ މުހިންމު އެނަރޖީ އިންފްރާސްޓްރަކްޗަރަށް 30 ދުވަހުގެ މުއްދަތަށް ހަމަލާ ނުދިނުމަށް ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށްވެސް އެއްބަސްވެފައިވެއެވެ.
ނަމަވެސް މި އެއްބަސްވުމަކީ މި މަހުގެ ކުރީކޮޅު އެމެރިކާ އާއި ޔުކްރެއިންގެ އިސްވެރިން ހުށަހެޅި "ޝަރުތެއް ނެތް" 30 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ނުވާކަން ފާހަގަކުރެވެއެވެ.
ޕުޓިން ވަނީ ސުލްހައިގެ ޝަރުތެއްގެ ގޮތުގައި "ބޭރު ގައުމުތަކުން ޔުކްރެއިނަށް ދޭ ހަތިޔާރުގެ އެހީ މުޅިން ހުއްޓާލުމަށާއި" މުސްތަގުބަލުގައި ޔުކްރެއިންގެ ސިފައިންނަށް އަލުން ހަތިޔާރު ނުދިނުމަށް ގޮވާލާފައެވެ.
މި އެއްބަސްވުމާ އެކުވެސް، ރަޝިޔާއިން ފޮނުވާލި 130 އަށްވުރެ ގިނަ ޑްރޯންގެ ހަމަލާއަކާ ގުޅިގެން ޔުކްރެއިންގެ މެދުތެރޭގައި އެތައްހާސް މީހުން ވަނީ ކަރަންޓު ނެތި ދަތި ހާލުގައި ޖެހިފައެވެ. މި ހަމަލާގައި ޔުކްރެއިންގެ މުހިންމު އެނަރޖީ އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!