ބަންގްލަދޭޝްގެ ސަޤާފީ ލަވައިގެ ބާވަތެއްކަމުގައިވާ ބައުލް ލަވަ ހުށައަޅައިދޭ ލަވަކިއުތެރިއާ އުމުރުން 40 އަހަރުގެ ޝާރިއަތު ސަރްކާރު އިސްލާމް ދީނަށް ފުރައްސާރުކޮށް ވާހަކަދެއްކުމުން ހައްޔަރުކޮށްފިއެވެ.

2019 ވަނަ އަހަރު ޑިސެމްބަރުމަހުގައި ބޭއްވުނު ކޮންސެޓެއްގެ ތެރެއިން ޝާރިއަތު ވަނީ އިސްލާމް ދީނުގައި މިއުޒިކު ހަރާމް ކުރައްވާފައިވާ ކަމުގެ ހެކި ދެއްކުމަށް ދީނީ ޢިލްމުވެރިނަށް ޗެލަންޖުކޮށް 5 މިލިއަން ޓާކާ (58،800 ޑޮލަރު) އިނާމެއްގޮތުގައި ހުށައަޅާފައެވެ.

Ad
rt

ޝާރިއަތު ލަވަ ހުށައަޅާދޭ ވީޑިއޯއެއް ޔޫޓިއުބަށްލުމުން އެ ވީޑިއޯ ޔޫޓީއުބުން ނެގި ކަމުގައިވިޔަސް އެ ވީޑީއޯ ވަނީ ވައިރަލްވެ، އެތައްބައަކުވަނީ އެ ވީޑީއޯ އަލުން އަޕްލޯޑްކޮށްފައެވެ.

ބަންގަލަދޭޝްގެ ދީނީ ޢިލްމުވެރިން ޝާރިއަތު އިސްލާމްދީނަށް ފުރައްސާރުކޮށް، ޤުރުއާން އަދި މުސްލިމުން ހިމެނޭގޮތަށް ބޭއަދަބީ ކޮށް ބަސްބުނެހަދާފައި ވާކަމަށް ބުނެ ވަނީ ޝާރިއަތާ ދެކޮޅަށް މުޒާހަރާ ކޮށްފައެވެ.

ޝާރިއަތު ނިސްބަތްވާ ޓަންގައިލް އަވަށުގެ މީހަކު ވަނީ ޖެނުއަރީ 9 ވަނަ ދުވަހު ޝާރިއަތު ސޫ ކުރުމަށްފަހު ހައްޔަރުކުރުވާފައެވެ. އަދި ޕޮލިހުންވަނީ ޝާރިއަތަށް ތިންދުވަހުގެ މުއްދަތެއް ޖެހުމަށްފަހު ބަންދުގައި ބަހަށްޓާފައެވެ.

ޝާރިއަތު ސަރްކާރު، ހައްޔަރު ކުރުމާ ގުޅިގެން އޭނާއަށް ތާއީދު ކުރާމީހުން ވަނީ އޭނާގެ ވާހަކަ ތަކުގައި އިސްލާމް ދީނަށް ބަދުބަސް ބުނެފައި ނުވާ ކަމަށާއި އޭނާ ހައްޔަރު ކޮށްގެން ނުވާނެ ކަމަށް ބުނެ މުޒާހަރާ ކޮށްފައެވެ.

ބަންގްލަދޭޝްގެ ނޫސްވެރިއެއް ކަމަށްވާ ކަބީރު އަޙްމަދު ވެސް ވަނީ އިސްލާމް ދީނުގައި މިއުޒިކް އަކީ ހަރާމް އެއްޗެއްކަމުގައި ވިޔަސް ބަނގްލަދޭޝް ފަދަ ޑިމޮކްރަސީ އެއްއޮންނަ ޤައުމެއްގައި މިގޮތަށް މީހަކު ހައްޔަރު ނުކުރެވޭނެ ކަމަށް ބުނެފައެވެ.

ބަންގަލަދޭޝްގެ ހިއުމަން ރައިޓްސް ފޯރަމް ނަމުގައި އަލަށް އުފައްދާފައިވާ އެކްޓިވިސްޓުންގެ ޖަމާއަތަކުން ވަނީ ޝާރިއަތު ސަރްކާރު ހައްޔަރުކުރުމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ވަގުތުން އޭނާ ދޫކޮށްލުމަށް ގޮވާލާފައެވެ.

އެ މައްސަލަ ޝާރިއަތު ސަރްކާރުގެ މައްޗަށް ސާބިތު ވެއްޖެނަމަ 3 އަހަރާއި 7 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އައުން އެކަށީގެން ވެއެވެ.