ހއ. އަތޮޅުގެ ވެރިރަށް ދިއްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލް ސީޓީ ސްކޭންގެ ޚިދުމަތާއި، ސްޕީޗްގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން އަންގަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ހއ. އަތޮޅުގެ 10 ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރޭ ދިއްދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރަށްވާ ދެއްކެވި ވާހަކަ ފުޅުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގެ މައްޗަށް އަލިއަޅުވާލައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެ ހޮސްޕިޓަލަކީ ދިއްދޫ އާއި ހއ. އަތޮޅުގެ ރަށްތަކާއި އަދި ދިއްދޫ ހިމެނޭ މުޅި ސަރަހައްދުގެ ރައްޔިތުންގެ ވެސް ބޭނުންކުރަމުން އަންނަ ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގައި، ފުޅާކުރަންޖެހޭ މުހިންމު ހޮސްޕިޓަލެއް ކަމަށެވެ.

އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކުރުމަށް ވަޢުދުވެވަޑައިގެންނެވީ ދުރު ރާސްތާއަށް ވިސްނުންފުޅުބަހައްޓަވައިގެން ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގައިކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ބޭނުމަކީ، މާލެ ސަރަޙައްދު ގޮތަށް އެންމެ އުތުރާއި، ދެކުނު ހިމެނޭހެން ރާއްޖޭގެ ހަތް ސަރަހަށްދެއްގައި ކަންކަން ހަމަޖެހިފައި ހުރުންކަމުގައި ރައީސް ވިދާޅުވިއެވެ.

''މީގެ ބޭނުމަކީ، ދުރު ރާސްތާއަށް އަޅުގަނޑުމެންގެ ޤައުމު ތަރައްޤީގެ ދުވެލީގައި ބާރު ސްޕީޑްގައި ކުރިއަށް ގެންދިޔުމަށް މަގުފަހިކުރުން. ހުރިހާ އެންމެން މާލެއަށް ޖަމާކޮށް، ހުރިހާ އެންމެން މާލެ ސަރަޙައްދުގައި އުޅުމަކީ، އެއެއްނޫން އެކަން އޮންނަންޖެހޭނެ ގޮތަކީ. އެހެންވީމާ، އެ ވިސްނުމުގައި ކުރާ ކަންކަން މިއީ. އެގޮތުން، މި ރަށަށް މި ގެންނަންޖެހޭ ތަރައްޤީ މި ގެންނަނީ، އެ ވިސްނުމުގައި. ރަށުގެ ރައްޔިތުންގެ ކުރިއެރުމާއި، އަދި މި ސަރަޙައްދުގެ ކުރިއެރުމާއި، ހުރިހާ ކަމެއް ގުޅިލާމެހިފައި އެބައޮތް މިކަމުގައި.'' ރައީސް ވިދާޅުވެފަވެއެވެ.

ދިއްދޫގައި ހޮސްޕިޓަލްގެ ޚިދުމަތް އިތުރުކުރުމަށްޓަކައި ހޮސްޕިޓަލްގެ އާ ޢިމާރާތެއް އަޅަން ޖެހެނީ އެ ސަބަބާއި ހުރެކަމަށް ރައީސް ވިދާޅުވިއެވެ. އެ އިމާރާތް އަޅާއިރު އެތަނުގައި ރައްޔިތުން ބޭނުންވާނެ އެކިއެކި ޚިދުމަތްތައް ހުންނަންޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

''ސީޓީ ސްކޭންގެ ޚިދުމަތް މިތާ ހުންނަންޖެހޭނެ. މިހާރު ހުރި އިމާރާތް ތެރޭގައި އެ ޖާގަ ހުރި ކަމަށްވަންޏާ، އެ ޚިދުމަތް ޤާއިމުކުރަން އަޅުގަނޑު މިހާރު ވާނީ ކަމާބެހޭ ވަޒީރުންނަށް ދަންނަވާފައި. އަދި ނެތް ކަމަށްވަންޏާ، ވީހާވެސް އަވަހަކަށް އެކަން ކުރުން. އަދި މި އިމާރާތް އެޅިގެންދާއިރު، އެތަނުގައި މިކަމުގެ ހުރިހާ ޚިދުމަތްތަކެއް ޤާއިމުވެ، ދެންހުރި މުހިންމު ސަރވިސްތައްވެސް ލިބޭ، ފަރުވާތައް ދެވޭފަދަ ފެންވަރަކަށް ޤާއިމުކުރެވިގެންދާ ހޮސްޕިޓަލެއް އިރާދަކުރެއްވިއްޔާ އަޅައިދޭނަން. އެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން'' ރައީސް ވިދާޅުވިއެވެ.

ދިއްދޫގައި އާ ހޮސްޕިޓަލް އިމާރާތެއް އެޅުމުގެ މަސައްކަތް މި އަހަރު ތެރޭގައި، އެންމެ ލަސްވެގެން މި އަހަރުގެ މެދަކާ ހަމަޔަށްދާއިރު، ބާރު ސްޕީޑްގައި ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް މަސްދުވަސް ނިމެންވާއިރަށް އެ މަސައްކަތް ބަޔަކާއި ހަވާލުކުރެވޭނެކަމަށް ވެސް ވިދާޅުވިއެވެ.

''ހޮސްޕިޓަލްގެ ވާހަކަ ނިންމާލުމުގެ ކުރިން ދަންނަވާލަން. މިހާރު ހުރި ހޮސްޕިޓަލް ތެރޭގައިވެސް ސްޕީޗް ތެރަޕީގެ ޚިދުމަތް ޤާއިމުކުރުމަށް އަޅުގަނޑު ވާނީ މިހާރު ވަޒީރަށް ދަންނަވާފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން މި ރަށުގައި ޤާއިމުކޮށްދޭނަން.'' ރައީސް ވިދާޅުވެފަވެއެވެ.