އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރުމާ ގުޅިގެން ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ މެދުގައި ބޮޑު ހާސްކަމަކާއި ކަންބޮޑުވުމެއް އުފެދިފައިވާކަމަށް ބައެއް މިޑިއާ ތަކުން ރިޕޯޓުކޮށްފި އެވެއެވެ.
މި ހާސްކަމުގެ ސަބަބުން ބައެއް މީހުން ކުއްލި ނުރައްކަލުގެ ހާލަތުގައި ގުޅާ 911 ނަންބަރަށް ގުޅަން ފަށާފައިވާ ކަމަށްވެސް ބުނެ އެވެ. މި ކަމުގެ ސަބަބުން އެމެރިކާގެ އެކި ސަރަހައްދުތަކުގައި ހުރި 911 ސެންޓަރުތަކަށް ކުއްލި ނުރައްކަލުގެ ހާލަތުގައި ނޫން ގޮތްގޮތަށް ގުޅާ ފޯނު ކޯލުތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. މީގެ ތެރޭގައި ޓިކްޓޮކް ބަންދުކުރުމާ ގުޅިގެން ކަންބޮޑުވެފައިވާ ޒުވާނުންނާއި ކުޑަކުދިން ހިމެނެއެވެ.
މި ހާލަތާ ގުޅިގެން އެމެރިކާގެ އިސް ފަރާތްތަކުން ރައްޔިތުންނަށް އިލްތިމާސްކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގައި ނޫން ކަންކަމަށް 911 އަށް ގުޅުން ހުއްޓާލުމަށެވެ. މިފަދަ ގޮތަކަށް ގުޅުމުން މުހިންމު އޮޕަރޭޝަންތަކަށް ދަތިވާނެ ކަމަށް ބުނެ އެފަރާތްތަކުން އިންޒާރުދީފައިވެއެވެ.
އެމެރިކާގެ ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ނިންމި ނިންމުމަކާ ގުޅިގެން މިއަދުން ފެށިގެން އެ ޤައުމުގައި ޓިކްޓޮކް ބޭނުންކުރުން މަނާ ވާނެއެވެ.
ޓިކްޓޮކް އެޕްލިކޭޝަން، އެމެރިކާގެ ކުންފުންޏަކަށް ވިއްކާލުމަށް ނުވަތަ ބަންދުކުރަން ޖެހޭނެކަމަށް ލާޒިމްވާގޮތަށް ކޮންގްރެސްއިން ފާސްކުރި ޤާނޫނެއް ފާސްކޮށްފައިވާއިރު، އެ ޤާނޫނަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ޚިލާފު ޤާނޫނެއް ނޫންކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މިގޮތަށް ނިންމުމަށް މަގުފަހިވެފައިވަނީ އެޕްލިކޭޝަންގެ ޗައިނާއާ ހުރި ގުޅުމާއި، ޤައުމީ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކަލުގެ ސަބަބުންނެވެ.
މިއަހަރުގެ ޖެނުއަރީ 19ގެ ކުރިން އެޕްލިކޭޝަން އެމެރިކާގެ ކުންފުންޏަކަށް ވިއްކާލުމަށް ނުވަތަ ބަންދުކުރަން ޖެހޭނެކަމަށް ބައިޓްޑާންސްއަށް މިދިޔަ އަހަރު އެންގުނު ނަމަވެސް އަދި އެފަދަ ވިއްކާލުމެއް ހިނގާފައެއް ނުވެއެވެ.
ދުނިޔޭގެ އެންމެ މަޤްބޫލު ކުރު ވީޑިއޯ އެޕްލިކޭޝަންތަކުގެ ތެރެއިން އެއް އެޕްލިކޭޝަންކަމަށްވާ ޓިކްޓޮކް މަނާކުރުމުގެ މި މަސައްކަތް ކުރިއަށްދާއިރު، މި ބަންދުކުރުން އަމަލީގޮތުން ތަންފީޒުކުރެވޭނެ ގޮތާއި މެދު އަދިވެސް ސުވާލު އުފެދެއެވެ.
ޓިކްޓޮކް އަކީ ޗައިނާގެ ކުންފުންޏެއްކަމަށްވާ ބައިޓްޑާންސްގެ ދަށުން ހިންގާ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބިލިއަނަކަށްވުރެ ގިނަ ޔޫޒަރުން ބޭނުންކުރާ އެޕްލިކޭޝަނެކެވެ. އެކި މުއްދަތުގެ ކުރު ވީޑިއޯ މެދުވެރިކޮށް މުނިފޫހިފިލުވުމުގެ މަޤްޞަދުގައި 2016 ވަނަ އަހަރު ތަޢާރަފުކުރެވުނު މި އެޕްލިކޭޝަނަކީ ޒުވާނުންގެ މެދުގައި އެންމެ މަޤްބޫލު އެއް އެޕްލިކޭޝަނެވެ.
އެމެރިކާގައި އެކަނި ވެސް 170 މިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ މި އެޕްލިކޭޝަން ބަންދުކުރުމަށް ގޮވާލަން ފެށީ، ބައިޓްޑާންސްއިން އެޕްލިކޭޝަން މެދުވެރިކޮށް އެމެރިކާގެ ރައްޔިތުންގެ ޑޭޓާ ޗައިނާގެ ސަރުކާރާ ހިއްސާކުރާކަމަށް ތުހުމަތުކުރެވި، އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެކަމުގެ ބިރު އޮތުމާ ގުޅިގެންކަމަށް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!