މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ޚިޔާނާތުގެ މައްސަލަތަކާ ގުޅިގެން ދައުލަތުން ހަތަރު ފަރާތަކާއެކު ހަދާފަައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ހަތަރު ފަރާތަކާއެކު އެ އޮފީހުން ހަދާފައިވާ އިމިޔުނިޓީ އަދި އެއްބާރުލުންދިނުމުގެ އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް 19 ޖަނަވަރީ 2025 ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ނިންމަވާފައެވެ.

Ad
rt

އެ ފަރާތްތަކަކީ،

ހ. ސާމަރާ،އަޙްމަދު އަދީބު ޢަބްދުލްޣަފޫރު
މ. ލޭންޑް އޮފް ގާރޑެން،އަޙްމަދު އިޝްފާޙް ޢަލީ
މ. ސެސްނާ،މުޙައްމަދު ޢައްލާމް ލަޠީފް
ގ. އޮއިވާލި،މުޙައްމަދު ޙުސައިން

މީގެ އިތުރުން، ހ. އާހަމަ، ޢަބްދުالله ޒިޔާތުއާއެކު ވެފައިވާ އެއްބަސްވުން 2022 އޮގަސްޓު މަހުގެ ތެރޭގައި ނިމުމަކަށް ގެނެސްފައިވާކަމަށް ޕީޖީން ބުންޏެވެ.

މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަވާފައިވަނީ މި އެއްބަސްވުންތައް އެކުލަވާލާފައިވަނީ އެމް.އެމް.ޕީ.އާރ.ސީގެ ޚިޔާނާތުގެ މައްސަލައިގެ ތަޙުޤީޤު ކުރިއަށްގެންދިއުމަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް އެއްބާރުލުން ހޯދުމުގެ ބޭނުމުގައިކަމަށްވީނަމަވެސް، މި މީހުންގެ ފަރާތުން މައްސަލައިގެ ތަޙުޤީޤަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާކަމަށް ތަޙުޤީޤީ އިދާރާތުން މަޢުލޫމާތުދީފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމާއެކު، މި އެއްބަސްވުންތަކުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުރި، މި މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަޙުޤީޤު ކުރިއަށްގެންދަވައި، ވީ އެންމެ އަވަހަކަށް ޕީޖީ އޮފީހަށް ހުށަހެޅުމަށް، ދިވެހި ފުލުހުންގެ ޚިދުމަތަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ދަންނަވާފައިވާނެ ކަމަށް ވެސް ޕީޖީން ބުނެފަވެއެވެ.