އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، މެޗުގެ އިތުރު ވަގުތުގައި ޑާވިން ނުނޭޒް ޖެހި ދެ ލަނޑުން ލިވަޕޫލް މޮޅުވެއްޖެއެވެ. މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.

މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލިވަޕޫލުން މި މެޗުގައި ވެސް ވަނީ މޮޅަށް ކުޅެ ވަރަށް ގިނަ ހަމަލާ އުފައްދާފައެވެ. މެޗުގައި ލިވަޕޫލަށް ލީޑު ނަގައިދޭން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ޒޮބޮސްލާއީ ފޮނުވާލި ހަމަލާ ބްރެންޓްފޯޑްގެ ކީޕަރު މަތަކުރިއިރު، އޭގެ އިރުކޮޅެއް ފަހުން އޭރިއާ ބޭރުގައި ހުރެ ޒޮބޮސްލާއީ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

Ad
rt

ލަނޑެއް ޖަހަން މުޅިން ހުސް ފުރުސަތެއް ގަކްޕޯއަށް ލިބުނުއިރު އޭނާ ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ. އާނޯލްޑާއި ސޮލާހްގެ ފަރާތުން ނުރައްކާތެރި ދެ ހަމަލާއެއް ފެނުނުއިރު އެ ދެ ހަމަލާވެސް ދިޔައީ ގޯލު ފަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ލަނޑު ލިވަޕޫލުން ޖެހީ، ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގައެވެ. ބްރެންޓްފޯޑްގެ އޭރިއާ ތެރެއަށް ތިރިން ހުރަސްކުރި ބޯޅަ ނުނޭޒް ވަނީ އެއްފަހަރުން ޖަހައި އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައި ލިވަޕޫލަށް ލީޑު ނަގައިދީފައެވެ. އޭގެ ދެ މިނެޓް ފަހުން އެލިއޮޓް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ނުނޭޒް ވަނީ އިތުރު ލަނޑެއް ޖަހައި ލިވަޕޫލަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ އާން ސްލޮތު ބުނީ ނުނޭޒް ކުޅެން ނުކުތުމުން އޭގެ ހެޔޮ އަސަރު އަބަދުވެސް ޓީމަށް ކުރާ ކަމަށެވެ.

"ހަމައެކަނި ނަތީޖާއެއް ނޫން، މި މެޗުގައި ޓީމް ވަރަށް މޮޅަށް ކުޅެފި، ގިނަ ޗާންސްތަކެއް ހޯދައި ގިނަ ހަމަލާތަކެއް އުފެއްދި، މި މެޗުގައި ޓީމް ދެއްކި ކުޅުމާއި މެދު ވަރަށް ހިތްހަމަޖެހޭ" ލިވަޕޫލްގެ ކޯޗު ބުންޏެވެ.

މި ނަތީޖާއާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލިވަޕޫލް އޮތީ 21 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އާސެނަލް އޮތީ 22 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނާގައި އޮތީ ނޮޓިންހަމް ފޮރެސްޓެވެ. އެ ޓީމަށް 21 މެޗުން ލިބިފައި ވަނީ 41 ޕޮއިންޓެވެ.