އެމެރިކާގެ ރައީސް ބައިޑެން، އިސްރާއީލަށް 8 ބިލިއަން ޑޮލަރުގެ ހަތިޔާރު ޕެކޭޖެއް ވިއްކަން ފާސްކޮށްފިއެވެ.
އިސްރާއީލްގެ ނޫސް "ވަލާ" އިން ރިޕޯޓުކުރި ގޮތުގައި، މި ޕެކޭޖުގައި ހިމެނެނީ ހަނގުރާމަވެރި ޖެޓު މަތިންދާބޯޓުތަކަށް ބޭނުންވާ ވަޒަނާއި، އާޓިލަރީ ޝެލްތަކާއި، އަދި ހަމަލާދޭ ހެލިކޮޕްޓަރުތަކަށް ބޭނުންވާ މިސައިލްތަކެވެ.
ނަން ހާމަނުކުރާ މަސްދަރުތަކާ ހަވާލާދީ އެނޫހުން ބުނާ ގޮތުގައި، މި ހަތިޔާރު ވިއްކުމުގެ މައުލޫމާތު ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ކޮންގްރެސްއަށް ރަސްމީ ނޫން ގޮތެއްގައި އަންގާފައެވެ. މިއީ ބައިޑެން އިދާރާއިން އިސްރާއީލަށް ވިއްކާ އެންމެ ފަހުގެ ހަތިޔާރު ޕެކޭޖު ކަމަށް ބެލެވެއެވެ.
މި ޕެކޭޖުގައި ހިމެނޭ އެއްޗެހީގެ ތެރޭގައި އޭއައިއެމް-120ސީ-8 އެމްރާމް އެއަރ-ޓު-އެއަރ މިސައިލްތަކާއި، 155އެމްއެމް އާޓިލަރީ ޝެލްތަކާއި، އޭޖީއެމް-114 ހެލްފަޔަރ މިސައިލްތައް ހިމެނެއެވެ. އަދި މީގެ އިތުރުން، ކުދި ޑައިމީޓަރުގެ ބޮންތަކާއި، ޖޭޑީއޭއެމް ސިސްޓަމްތައްވެސް ހިމެނެއެވެ.
އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި، މި ވިއްކުމުގެ މަޤްސަދަކީ އިސްރާއީލްގެ ދިގު މުއްދަތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ. ނަމަވެސް، އޮކްޓޯބަރު 7 އިން ފެށިގެން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގައި މިހާތަނަށް 45،600 އަށްވުރެ ގިނަ މީހުން އިސްރާއީލްގެ ހަމަލާތަކުގައި ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!