އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުވައި ހޭލުންތެރިކުރުވުމަށް މައުލޫމާތުދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ނެއްލައިދޫ ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ނެއްލައިދޫ ޕޮލިސް ޕޯސްޓާއި އެ ރަށު ކައުންސިލް ގުޅިގެން މި ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ. މި ސެޝަންގައި ނެއްލައިދޫ ސްކޫލްގެ 87 ބެލެނިވެރިއަކު ވަނީ ބައިވެރިވެފައެވެ.
މި ސެޝަނުގައި، އިންޓަނެޓާ ގުޅޭ މައުލޫމާތާއި، ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތާއި، އިންޓަނެޓްގެ ސަބަބުން ކުދިންނަށްކުރާ އަސަރުތަކާއި، އިންޓަނެޓް މެދުވެރިކޮށް ހިންގާ ތަފާތު ކުށްތަކާ ގުޅޭގޮތުން މައުލޫމާތު ވަނީ ދީފައެވެ.
އަދި އިންޓަނެޓް ބޭނުންކުރާއިރު ރައްކާތެރިކަން ހޯދާނެ ގޮތްތަކާއި އެއްވެސް ކަމެއް ދިމާވެއްޖެނަމަ އަމަލުކުރަންވީ ގޮތްތަކާއި އެޕްލިކޭޝާންތަކުގެ ސެކިއުރިޓީ ފީޗާސްތައް ވަރުގަދަކޮށް ރައްކާތެރިކަން ހޯދާނެ ގޮތްތަކާ ގުޅޭ މައުލޫމާތު ވެސް ހިއްސާކޮށްފައި ވެއެވެ
މީގެ އިތުރުން ދަރިން އިންޓަނެޓު ބޭނުންކުރާއިރު ބެލެނިވެރިންގެ ހައިސިއްޔަތުން ސަމާލުކަންދޭންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ. އަދި އިންޓަނެޓު މެދުވެރިކޮށް ދަރިންނަށް ކުރިމަތިވެދާނެ ނޭދެވޭ ކަންކަމުން ރައްކާތެރިކުރުމަށާއި ދަރިން ގެންގުޅޭ ޑިވައިސްތަކާއި ބޭނުންކުރާ އެޕްތައް ބެލެނިވެރިން ކޮންޓްރޯލުކުރާނެ ގޮތުގެ އިތުރުން ސްކްރީން ޓައިމް ލިމިޓްކުރާނެ ގޮތުގެ މައުލޫމާތުދީފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!