ރައީސ ޑރ. މުޙައްމަދު މުޢިއްޒު ސަޢޫދީ ޢަރަބިއްޔާގެ ރިޔާޛަށް ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް، ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރަށްވާ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މި ދަތުރުފުޅުގައި އިސްރާއީލުގެ އިސްތިޢުމާރީ ބާރިތަކުން ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަޙައްދީ ޙުތޫރާތްތެރި މައްސަލަތަކާމެދު، ސަރަޙައްދީ އިސްވާރުން ކުރައްވާ މަޝްވަރާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ހޯމަ ދުވަހު ބާއްވާ މި ސަމިޓުގައި މަޝްވަރާތައް ބިނާކުރައްވާނީ، 2023 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހު ސަޢޫދީ ޢަރަބިއްޔާގެ ރިޔާޛުގައި ނިންމި ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގެ ނިންމުންތަކުގެ މައްޗަށެވެ.
ރައީސް މުޢިއްޒު ގެންދަވަނީ، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި އަޑުއުފުއްލަވައި، އިސްރާއީލުގެ ޢަމަލުތައް ކުށްވެރިކުރަވައި، ޕަލަސްތީނާއި ލުބްނާނަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރައްވާމުންނެވެ.
ހޯމަ ދުވަހު ބާއްވާ ސަމިޓުގެ ސެޝަންގައި، ރައީސް މުޢިއްޒު ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވަވަން ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވެސ ގެންދަވާފައިވާއިރު، ދިވެހި ރާއްޖޭގެ ވަފުދަށް މެހުމާންދާރީ އަދާކުރައްވަނީ ސަޢޫދީޢަރަބިއްޔާގެ ސަރުކާރުންކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!