ޗެމްޕިއަންސް ލީގުގައި ރޭ ރެއާލް މެޑްރިޑުން އެ ޓީމްގެ ސްޓައިލްގައި ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑް ބަލިކޮށްފިއެވެ. ރެއާލުގެ ދަނޑުގައި ރެއާލް މޮޅުވީ ފުރަތަމަ ހާފުގައި ޑޯޓްމަންޑުން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ދެވަނަ ހާފުގައި ކުޅެން ނުކުމެ ނަތީޖާ އަނބުރާލައިގެންނެވެ. ދެވަނަ ހާފުގައި ރެއާލުން 5 ލަނޑު ޖެހިއެވެ. މެޗު ނިމުނީ 5-2 ގެ ނަތީޖާއިންނެވެ.

ރެއާލުގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލަށްވުރެ މޮޅަށް ކުޅުނީ ޑޯޓްމަންޑެވެ. ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ 30 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ލަނޑު ޖަހައިދިނީ މާލެންއެވެ. އޭގެ ހަތަރު މިނެޓް ފަހުން ޑޯޓްމަންޑަށް ދެވަނަ ލަނޑު ޖަހައިދިނީ ޖެމީ ގިޓެންސްއެވެ.

Ad
rt

ފުރަތަމަ ހާފުގައި މާ އެދެވޭ ކުޅުމެއް ނުކުޅެވުނު ނަމަވެސް ރެއާލުން ވަނީ ދެވަނަ ހާފުގައި ތަފާތު ދައްކާފައެވެ. މިގޮތުން އެ ޓީމްގެ ފުރަތަމަ ލަނޑު އެމްބާޕޭ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ރުޑިގާ ޖަހައިދިނީ 60 ވަނަ މިނެޓުގައެވެ. އޭގެ ދެ މިނެޓް ފަހުން ވިނީސިއަސް ވަނީ ލަނޑުޖަހައި ރެއާލަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ރެއާލަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ލިބުނީ 83 ވަނަ މިނެޓުގައި ލޫކަސް ވަޒްކޭޒް ޖަހައިދިން ލަނޑުންނެވެ. އޭގެ ފަހުން ވިނީ ވަނީ ދެ ލަނޑުޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިއީ ޗެމްޕިއަންސް ލީގުގައި އޭނާގެ ފުރަތަމަ ހެޓްރިކެވެ.

މެޗުން މޮޅުވުމާއިއެކު ރެއާލް ވަނީ ތާވަލުގެ 9 ވަނަ އަށް ޖެހިލާފައެވެ. އެ ޓީމަށް ތިން މެޗުން ލިބިފައިވަނީ 6 ޕޮއިންޓެވެ. ޑޯޓްމަންޑް އޮތީ 5 ވަނާގައެވެ. އެޓީމަށް ވެސް ވަނީ 6 ޕޮއިންޓް ލިބިފައެވެ.