އެމެރިކާގެ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް 14 ދުވަސް ބާކީ އޮތްއިރު، ޑިމޮކްރެޓިކް ޕާޓީގެ ނޮމިނީ ވައިސް ޕްރެޒިޑެންޓް ކަމަލާ ހެރިސް އާއި ރިޕަބްލިކަން ޕާޓީގެ ނޮމިނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕްގެ ވާދަވެރިކަން ވަނީ ގާތްގަނޑަކަށް އެއްވަރެއްގައި ކަމަށް އެންމެ ފަހުގެ ޕޯލްތަކުން ދައްކައިފިއެވެ.

މިހާތަނަށް ނެރެފައިވާ ޕޯލްތަކުގެ ތެރެއިން ވޮޝިންގްޓަން ޕޯސްޓާއި ސްކާ ސްކޫލުން ހެދި ޕޯލްގައި 5،000 އަށް ވުރެ ގިނަ ވޯޓަރުން ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން 47 ޕަސެންޓް މީހުން ވަނީ ކަމަލާ ހެރިސްއަށް ތާއީދުކުރާ ކަމަށް ބުނެފައެވެ. ހަމަ އެހާ މިންވަރެއްގެ ބަޔަކު ވަނީ ޓްރަންޕަށް ތާއީދުކުރާ ކަމަށްވެސް ބުނެފައެވެ. ނަމަވެސް ވޯޓުލާން ގަސްދުކުރާ މީހުންގެ ތެރެއިން 49 ޕަސެންޓް މީހުން ތާއީދުކުރަނީ ހެރިސްއަށް ކަމަށާއި 48 ޕަސެންޓް މީހުން ތާއީދުކުރަނީ ޓްރަންޕަށް ކަމަށް މި ޕޯލުން ދައްކައެވެ.

Ad
rt

އިންތިހާބު ކާމިޔާބުކުރުމަށް ދެކެންޑިޑޭޓުންވެސް މިވަގުތު އެކި ސްޓޭޓްތަކަށް ގެންދަވަނީ ދަތުރުކުރަމުންނެވެ. ހެރިސް ވަނީ ޕެންސިލްވޭނިއާ، މިޝިގަން އަދި ވިސްކޮންސިންގެ "ބްލޫ ވޯލް" ސްޓޭޓްތަކަށް ދަތުރުކޮށްފައެވެ. މި ދަތުރުތަކުގައި ކުރީގެ ރިޕަބްލިކަން ކޮންގްރެސް އަންހެން މެންބަރު ލިޒް ޗެނީ ވަނީ ހެރިސްއާއެކު ބައިވެރިވެފައެވެ. އަދި ކުރީގެ ރައީސް ޖެރަލްޑް ފޯޑްގެ ދަރިކަނބަލުން ސޫސަން ފޯޑް ބޭލްސް ވެސް ވަނީ ހެރިސްއަށް ތާއީދުކުރާ ކަމަށް އިއުލާނުކޮށްފައެވެ.

އަނެއްކޮޅުން ޓްރަންޕް ވަނީ ހެރިކޭން ހެލީންގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައިވާ ނޯތު ކެރޮލައިނާގެ އެޝްވިލްއަށް ޒިޔާރަތްކޮށްފައެވެ. މި ދަތުރުގައި އޭނާ ވަނީ ގުދުރަތީ ކާރިސާގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ބަލައި، ރައްޔިތުންނާ ބައްދަލުކޮށްފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ދެ ފަރާތުން ވެސް ގިނަ ސްޓޭޓްތަކަކަށް ދަތުރުކުރުމަށް ވަނީ ރޭވިފައެވެ. އޭގެތެރޭގައި ކުރީގެ ރައީސް ބަރަކް އޮބާމާ އަދި އޭނާގެ އަނބިކަނބަލުން މިޝެލް އޮބާމާ ވެސް ހެރިސްގެ ކެމްޕޭނުގައި ބައިވެރިވާނެއެވެ.

އިންތިހާބު ކުރިއަށްދާއިރު، ގިނަ ސްޓޭޓްތަކެއްގައި މިހާރު ވަނީ އަރލީ ވޯޓިންގ ފެށިފައެވެ. ދެ ކެންޑިޑޭޓުން ވެސް ވަނީ ރައްޔިތުންނަށް ވޯޓުލުމުގެ މުހިންމުކަމާމެދު އިލްތިމާސްކޮށްފައެވެ. އިންތިހާބު އޮންނާނީ ނޮވެމްބަރު 5 ވަނަ ދުވަހުއެވެ.